ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް މިއަހަރު ލިބޭ ދެ ބޭފުޅުން ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް މިއަހަރު ލިބޭ ދެ ވިޔަފާރި މިއަދު ހޮވައިފި އެވެ.

މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި ފަސްލައްކަ ރުފިޔާ ލިބޭ ގްރާންޓެކެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތަކީ:

ސްޓާޓަޕް ގްރާންޓް ލިބުނު ދެ ބޭފުޅުން

  • އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ) - ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް
  • ސަންފާ ނަޒާހަތު އަހްމަދު (ނަޒާހެލްތް) - ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަންގެ ހިދުމަތް ގާއިމުކުރުމަށް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މޮޅު ޕިޗްތަކާ އެކު މި ގްރާންޓް ކާމިޔާބު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކުގެ ފެންވަރަށް ސާބަސް ދެެއްވާ ކަމަށެވެ.

"މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު،" ކާލް ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދިޔަ ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހު އެވެ.

ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަކުރެވުނު 10 ފަރާތް ޝޯޓްލިސްޓް ކޮށްފައިވެ އެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފަ އެވެ.