ފިނިޕޭޖް

ބިލީ ރޭ ސައިރަސް ކައިވެނިކޮށްފި

ކަންޓްރީ ލަވަކިޔުންތެރިޔާ ބިލީ ރޭ ސައިރަސް ކައިވެނިކޮށްފި އެވެ.

ބިލީ ރޭ، 62، އާއި އޮސްޓްރޭލިއާގެ މިއުޒިޝަން ފަޔާރޯޒް، 34، ކައިވެނިކުރީ އޮކްޓޯބަރު 10 ގައި ބިލީ ރޭގެ ރަށް ނޭޝްވިލް ގައެވެ.

މި ހަބަރު ޖޮއިންޓް ސްޓޭޓްމަންޓެއްގެ ގޮތުގައި އިންސްތަގްރާމްގައި އިއްޔެ ޕޯސްޓްވެސް ކޮށްފައިވެ އެވެ.

އިންސްތަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ފެންނަނީ ބިލީ ރޭ ވަސާޗޭގެ ޓަކްސީޑޯއެއް ލައިގެން ހުރިއިރު، ފަޔާރޯޒް ހުރީ ލޯރާ ރުޑޮވިޗްގެ ލޭސް އެޕްލިކޭ ހުރި ހުދުކުލައިގެ ވެޑިން ޑްރެސްއެއް ލައިގެންނެވެ.

ބިލީ ރޭ އާއި ފަޔާރޯޒް އަލުން ދިމާވީ ކޮލޭބޮރޭޝަނަކުންނެވެ. ލޯބީގެ ގޮތުން ގުޅުމަށްފަހު މިދިޔަ އަހަރުގެ އޮގަސްޓް މަހު ދެމީހުން އެންގޭޖްވީ ކަމަށް ފަޔާރޯޒް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހާމަކުރި އެވެ.

ބިލީ ރޭ ބުނީ ފަޔާރޯޒްއާ ދިމާވީ 12 އަހަރު ކުރިން ޑިޒްނީ ޗެނަލްގެ "ހެނާ މޮންޓޭނާ" ސީރީޒްގެ ސެޓްގައި ކަމަށެވެ. އެއީ ބިލީ ރޭގެ ދަރިފުޅު އެކްޓަރު އަދި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ލީޑް ރޯލް ކުޅުނު ސީރީޒެކެވެ.

ފަޔާރޯޒްއާ ކައިވެނިކުރުމުގެ ކުރިން ބިލީ ރޭ ކައިވެނިކުރީ ޓިޝް ސައިރަސްއާ އެވެ. މި ކައިވެނި ރޫޅުނީ 2022 ގައެވެ. މި ކައިވެންޏަށް މައިލީގެ އިތުރުން ހަތަރު ކުދިން ލިބިފައިވެ އެވެ. ޓިޝް ވެސް ވަނީ ދާދި ފަހުން އެކްޓަރު ޑޮމިނިކް ޕާސެލްއާ ކައިވެނިކޮށްފަ އެވެ. މީގެއިތުރުން ޓިޝްގެ ކުރިން އޮތް ގުޅުމަކަށް ބިލީ ރޭ އަށް ދެ ކުދިން ލިބިފައިވެ އެވެ.