މާޒިޔާއިން އާ އުއްމީދަކާއެކު މި އަހަރުގެ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު އިންޑިޔާގެ ވަރުގަދަ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މިރޭ ފުރުމުގެ ކުރިން އިއްޔެ ހަވީރު ކޯޗު އަލީ ސުޒޭން ބުނީ މިދިޔަ އަހަރުގެ ޓީމަށްވުރެ މި އަހަރު އޭނާ އަށް ލިބިފައިވާ ޓީމާމެދު މާބޮޑަށް ވެސް ހިތްހަމަޖެހޭ ކަމަށެވެ.
"މާބޮޑަށް ވެސް ހިތްހަމަޖެހޭ. މިހާރު އުމޭރު އެކަނި މުޅިން ފިޓްނުވެ ކިރިޔާ ވެސް މުހުރީ. މި ޓީމުގެ މަސައްކަތާއި ކުރާ ހިތްވަރަށް ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ނެޝަނަލް ޓީމުގައި ދިޔަ ކުޅުންތެރިން ވެސް ވަރަށް ރަނގަޅު ފޯމުގައި ތިބީ. މިއީ އަނެއްކާ ވެސް އެންމެންއެކީގައި އެއްތަނެއްގައި ތިބެ، އެންމެން އެއްކޮށް ކައިގެން، އެންމެން އެކީގައި މުބާރާތް ފަށައިގަންނަން ރަނގަޅު ފުރުސަތެއް ރަށުން ބޭރުގައި މި މެޗު ކުޅެން ލިބުމަކީ ވެސް،" މިދިޔަ ދެ އަހަރު ވެސް މާޒިޔާގެ ކޯޗުކަމުގައި ހުރި ސުޒޭން ބުންޏެވެ.
އޭނާ ބުނީ މޯހަން ބަގާން އަކީ އިންޑިޔާގެ އެންމެ ވަރުގަދަ އަދި މުއްސަދި ތާރީހެއް ކުލަބަކަށް ވުމުން އެކުލަބަށް ފުރިހަމަ އަށް އިހްތިރާމްކުރާނެ ކަމަށެވެ.
"މާޒިޔާއިން އެމީހުންނަށް އެހުރިހާ ރެސްޕްކެޓެއްދޭނަން. އެކަމަކު މެޗު ކުޅެން މިޖެހެނީ އެމީހުންގެ އަމިއްލަ ދަނޑުގައި ނޫންވީމަ އަނެއްކާ މާޒިޔާގައި އެބަތިބި އެ ދަނޑުގައި މީގެ ކުރިން ވެސް ކުޅެފައިތިބި ކުޅުންތެރިން. އެހެންވީމަ އެހުރިހާ ކަމަކާއެކު ހޯމް އެޑްވާންޓޭޖްގެ ވެސް ބައެއް ލިބުމުގެ ހިތްހަމަޖެހުން ވެސް އެބައޮތް،" ގުވާހަޓީގެ އިންދިރާ ގާންދީ ސްޓޭޑިއަމުގައި ކުޅޭ މެޗާ ބެހެ ގޮތުން ސުޒޭން ބުންޏެވެ.
މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕު މާޒިޔާ އަށް ހޯދައިދީގެން އޭއެފްސީ ކަޕަށް ޓީމު ކޮލިފައިކޮށްދިން ކޯޗު އަދ ބުނީ ރަނގަޅު ޕްރެކްޓިސް މެޗުތަކެއް ނުކުޅެ ދިއުމަކީ މިވަގުތު ވިސްނާލަންޖެހޭ ހަމައެކަނި ކަންތައް ކަމަށެވެ.
"މިދިޔަ ސީޒަނުގައި ޕީޕަލްސް ކަޕ ކުޅެފައި ދިޔައީ. އޭގެ ސަބަބުން ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައި އޮތީ. ފުރަތަމަ މެޗުގައި މާޒިޔާ ބަލިވި ނަމަވެސް. މި އަހަރު އެފަދަ ކަމެއް ނެތުމަކީ އުނިކަމެއް. އެނޫން ހުރިހާ ކަމަކާމެދު ހިތްހަމަޖެހޭ،" ސުޒޭން ބުންޏެވެ.
މި މުބާރާތުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ފުރަތަމަ މެޗުގައި ކުޅޭނީ އަންގާރަ ގަލޮޅު ދަނޑުގައި ސިންގަޕޫރުގެ ބަލެސްޓިއާއާ ދެކޮޅަށެވެ.