ޕްރޮމޯޝަނަކާއެކު އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ނިއުރޭޑިއަންޓުން އިއްޔެ ވިއްކަން ފަށައިފި އެވެ.
މުބާރާތުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުން މި އަހަރުގެ ކެމްޕޭން ފަށާނީ އަންނަ ބުދަ ދުވަހު ސިންގަޕޫރުގެ ބެލަސްޓިއާ އެފްސީއާ ދެކޮޅަށް ގަލޮޅު ދަނޑުގަ އެވެ.
މި މެޗުގެ ސިޑިބަރީގެ ޓިކެޓްގެ އަގަކީ 15ރ. އެވެ. ގޮނޑިބަރީގެ ޓިކެޓްގެ އަގަކީ 30ރ. އެވެ. މީގެ އިތުރުން ނިއުރޭޑިއަންޓްގެ ފޭސްބުކް ޕޭޖްގައިވާ ޓިކެޓްގެ ފޮޓޯ ޝެއާކޮށްގެން ދެ ބޭފުޅަކަށް ވީއައިޕީ ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ނިއުގެ މެނޭޖަރު އަމީން ފައިސަލް މިއަދު ބުނީ ނިއުގެ ފަރިތަކުރުންތައް ގަލޮޅު ދަނޑުގައި ކުރިއަށްދާއިރު ޓިކެޓް ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން ވެސް ގަލޮޅު ދަނޑުން މިއަދުން ފެށިގެން ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ނިއުއާ ވާދަކުރާ ބެލަސްޓިއާ ޓީމު މިއަދު މެންދުރު މާލެ އަންނާނެ އެވެ. މި އަހަރުގެ މުބާރާތުގައި ނިއު ހިމެނެނީ ގްރޫޕް އެފްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގެ ކިޗީ އާއި ފިލިޕީންސްގެ ކާޔާ އެފްސީ އެވެ.
ނިއު މި އަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލާއިރު ޓީމު ފެންނަނީ ކުރިއަށްވުރެ އާދައިގެ ގޮތަކަށެވެ. މުހިންމު ގިނަ ކުޅުންތެރިން އެހެން ކުލަބުތަކަށް ގޮސްފައިވީ ނަމަވެސް ނިއު ނުކުންނަނީ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް އެ ޓީމު ގެންގޮސްދިން ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފުގެ އިރުޝާދުގެ ދަށުންނެވެ.
މި މުބާރާތުގައި ރާއްޖޭގެ މާޒިޔާ ފުރަތަމަ މެޗު ކުޅޭނީ ރަށުން ބޭރުގައި އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށެވެ.