ރާއްޖެ ކުޅިވަރު

ނިއު އަކީ އަބަދުވެސް ރާއްޖޭގެ ޗެމްޕިއަން: ބެލަސްޓިއާ ކޯޗު

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ އަބަދުވެސް ރާއްޖޭގެ ޗެމްޕިއަންކަން ޓީމު ކަމަށާއި އަންގާރަ ދުވަހުގެ މެޗު ވަރަށް ވަރުގަދަވާނެ ކަމަށް ސިންގަޕޫރުގެ ބެލަސްޓިއާ އެފްސީން ބުނެފި އެވެ.

އެ ޓީމުގެ ކޯޗު މާކޯ ކްރަލިޖެވިޗް ބުނީ ނިއު ދެރަ ޓީމެއްގެ ގޮތުގައި އެއްވެސް އިރަކު ނޯންނަ ކަމަށެވެ.

"އަހަރުމެންގެ ފުރަތަމަ މެޗަކީ ވެސް ނިއުރޭޑިއަންޓް މެޗު. ނިއު އަކީ އަބަދުވެސް ރާއްޖޭގެ ޗެމްޕިއަނުން. އެހެންވީމާ ފަސޭހަނުވާނެ،" ޖަރުމަނަށް އުފަން ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ މިދިޔަ އަހަރު އޭއެފްސީ ކަޕުގައި އޭނާގެ ޓީމު ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް މި އަހަރުގެ އަމާޒަކީ ގްރޫޕް ސްޓޭޖު ކަޑައްތުކުރުން ކަމަށާއި ފުރަތަމަ މެޗުގެ ނަތީޖާ ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

"އަހަރެން ގަބޫލު ކުރަން މި އަހަރު އަހަރުމެން އެއަށްވުރެ ދުރަށް ދާނެ ކަމަށް. އެކަމަކު މިދިޔަ އަހަރުގެ ގްރޫޕަށްވުރެ އަހަރުމެން މި އަހަރު މި އޮތް ގްރޫޕް ވަރުގަދަ. ޗިކީ އަކީ ވެސް މިހާރު ވަރުގަދަ ޓީމެއް. އަހަރުމެން ޖެހޭ ފުރަތަމަ ދެ މެޗުގެ ނަތީޖާ ވަރަށް ރަނގަޅު ކުރަން. އެއިރުން ދެ ވަނަ ބުރުގެ އުއްމީދު ބޮޑުވާނެ،" އުމުރުން މިއަހަރު 50 އަހަރު ފުރޭ ކޯޗު ބުންޏެވެ.