މެލޭޝިޔާ

މެލޭޝިއާގައި މަރުވި ޒުވާނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

މެލޭޝިއާގެ އުސް އިމާރާތަކުން ވެއްޓި މަރުވި އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ އުމަރު އަހްމަދު ނައީމުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

އުމުރުން 22 އަހަރުގެ އުމަރު މަރުވީ މިމަހުގެ 10 ވަނަ ދުވަހު އުސް އިމާރާތެއްގެ 14 ވަނަ ފަންގިފިލާ އިން ބިން މައްޗަށް ވެއްޓުމާ ގުޅިގެންނެވެ.

މެލޭޝިއާގެ ފުލުހުންނާ ކަމާ ގުޅޭ އިދާރާތަކުގެ ތަހުގީގަށްފަހު އުމަރުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ އިއްޔެ ހަވީރު އެވެ. އޭނާގެ ހަށިގަނޑު މާލެ ގެނައީ މިއަދު ހެނދުނު އެވެ.

އުމަރުގެ ހަށިގަނޑު މިރޭގެ ވަގުތެއްގައި ހިތަދޫއަށް ގެންގޮސް އޭނާ ވަޅުލުމަށް ވަނީ ނިންމާފަ އެވެ.

އެނގިފައިވާ ގޮތުގައި އުމަރުގެ ހަށިގަނޑު ރާއްޖެ ގެނައުން ލަސްވީ މެލޭޝިއާގެ ގާނޫނީ ނިޒާމު އޮންނަ ގޮތުން އެ ގައުމުގައި މުސްލިމަކު މަރުވެއްޖެނަމަ ހަށިގަނޑު ގައުމުން ބޭރަށް ގެންދެވެނީ ހިނަވައި ކަފުންކޮށް އަދި ކަށު ނަމާދު ކުރުމަށްފަހު ކަމަށްވާތީ އެ ހުރިހާ ކަމެއް ކުރަންޖެހުމުންނެވެ.

މެލޭޝިއާގައި އުމަރުގެ ކަށުނަމާދު އޮތީ އިއްޔެ އަސުރު ނަމާދަށްފަހު ޕުޗުންގެ މަސްޖިދު ޖުމެކް ބަޓް 12 ގައެވެ.

ކަށުނަމާދުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މުވައްޒަފުންނާއި މެލޭޝިއާގައި ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް ބައިވެރިވެފައިވެ އެވެ.