އިޓަލީގެ އިންޓަމިލާނުގެ އޮންރަރީ ޕްރެޒިޑެންޓް މަސިމޯ މޮރާޓީގެ އާއިލާއިން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަން ހޯސޭ މޮރީނިއޯ އަށް ދީފި އެވެ.
އެއާއިލާއިން މިކަން އިއުލާނުކުރީ އިންޓަމިލާނުގެ ކުރީގެ ކޯޗު މޮރީނިއޯއާއެކު ބޭއްވި މެންދުރު ކެއުމަކަށްފަހު އެވެ.
"މޮރީނިއޯގެ ކުރިމަގު އޮތީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި. އޭނާ ދާނީ މެންޗެސްޓާ ޔުނައިޓެޑަށް. އޭނާ ވަނީ އެކަން އަހަރުމެން ގާތުގައި ބުނެފައި،" މޮރާޓީގެ ދައްތަ ބުނެފައިވެ އެވެ.
ޗެލްސީގެ ކޯޗުކަމުން ވަކިކުރުމުން މިވަގުތު ވަޒީފާއެއްނެތި ހުރި މޮރީނިއޯ އިޓަލީ އަށް ގޮސްގެންއުޅެނީ މޮރާޓީގެ އާއިލާގެ ދައުވަތަކަށެވެ. އޭނާ ބުނީ ކޮންމެކޮންމެ ދުވަހަކު މޮރާޓީގެ އާއިލާއާ ބައްދަލުވާނެ ވަގުތު ނުލިބޭ ކަމަށާއި އޭނާ އެއާއިލާގެ މެމްބަރުންނާ ބައްދަލުމިކުރީ ވަރަށް ދުވަސްކޮށްފައި ކަމަށެވެ.
އިންޓަމިލާނަށް 2010 ވަނަ އަހަރުގެ އިޓާލިއަން ލީގާއި އިޓާލިއަން ކަޕް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ އިތުރުން ޖުމުލަ ފަސް ތަށ ކާމިޔާބުކޮށްދިން މޮރީނިއޯ އާއި މޮރާޓީގެ އާއިލާގެ މެމްބަރުންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.
ނަމަވެސް އޭނާ ބުނީ ކޮންމެ ކޯޗަކަށް ވެސް އޭނާ އިހްތިރާމް ކުރާ ކަމަށާއި އެއްވެސް ކުލަބެއްގެ ކޯޗުކަން ހޯދަން އޭނާ ނުޅޭ ކަމަށެވެ.
"އަހަރެން ހޯދަން އުޅެނީ ކުލަބުތަކުން. އަހަރެން ނޫޅެން އެއްވެސް ކުލަބަކާ ހެދި. އަހަރެން ހުރިހާ ކޯޗުންނަށް ވެސް އިހްތިރާމް ކުރަން،" މޮރީނިއޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑާ ގުޅުވައިގެން މޮރީނިއާއާ ބެހޭ ގޮތުން ވާހަކަ ދެއްކި ނަމަވެސް އޭނާ އެކަމާމެދު އެއްޗެއް ބުނަން ބޭނުންނުވަނީ އެ ޓީމުގެ މިހާރުގެ ކޯޗު ލުއިސް ވެންހާލްއާ ހެދި އެވެ. މޮރީނިއޯ ކޯޗަކަށްވުމުގެ ކުރިން މަސައްކަތްކުރީ ސްޕޭނުގެ ބާސެލޯނާގައި ވެންހާލްގެ ތަރުޖަމާނަކަށެވެ. ނަމަވެސް ނަތީޖާތައް ގޯސްވުމުން ވެންހާލްގެ ބަދަލުގައި މި ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަން ދޭނީ މޮރީނިއޯ އަށް ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ޔަގީންކޮށްފަ އެވެ.