އެފްއޭއެމް

އެފްއޭއެމްގެ އެކްސްކޯގެ ދެ މެންބަރަކު އިސްތިއުފާ ދީފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައި ވަނިކޮށް އެކްސްކޯގެ ދެ މެންބަރަކު އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދިނީ މާޒިޔާ ސްޕޯޓްސްގެ ފަރާތުން އެކްސްކޯގައި ހިމެނޭ ހުސައިން ޝާފިއު (ކޮކީ) އާއި ގްރީން ސްޓްރީޓްސްގެ ފަރާތުން އެކްސްކޯގައި ހިމެނޭ މުއާވިއަތު ހަލީލް އެވެ.

މި ދެ ބޭފުޅުން އިސްތިއުފާ ދިން ވަކި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ކޮކީ މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދިން އިރު މުއާވިޔަތު އިސްތިއުފާ ދިނީ މިދިޔަ މަހު އެވެ.

ކޮކީ އާއި މުއާވިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެން އެކްސްކޯގައި މިހާރު ތިބީ ހަތް ބޭފުޅުން އެވެ.

އެކްސްކޯގައި ތިއްބެވި ބޭފުޅުން

  • ބައްސާމް އަދީލް ޖަލީލް (ރައީސް)
  • އަލީ އުމަރު (ނައިބް ރައީސް)
  • މުހައްމަދު ޝިފާއު (ދަ ގްރާންޑޭ)
  • އަހުމަދު ނަޝީދު (ޓީސީ)
  • މުފާވިޒް ހާޝިމް (އީގަލްސް)
  • އާމިނަތު ޝާނީޒް (އެފްއޭއެމް މުވައްޒަފެއް)
  • އަހްމަދު ޝަކީބް (އެފްއޭއެމްގެ މުވައްޒަފެއް)

އެފްއޭއެމްގައި މިހާރު އޮތް އެކްސްކޯ އަކީ 2020 ވަނަ އަހަރު އިންތިހާބު ކުރި އެކްސޯ އެކެވެ. މިހާރު އޮތް އެކްސްކޯގެ ދައުރު ހަމަވާނީ އަންނަ އަހަރު އެވެ.

އެކްސްކޯގެ ދެ މެންބަރަކު އިސްތިއުފާ ދިން ނަމަވެސް އަސާސީ ގަވައިދުގައިވާ ގޮތުން އެކްސްކޯގެ އާ އިންތިހާބެއް ބޭއްވޭނީ ދައުރު ހަމަވުމުން ނުވަތަ އެކްސްކޯގެ ދެބައިކުޅަ އެއްބައި މެންބަރުން އިސްތިއުފާ ދިނުމުންނެވެ.

އެފްއޭއެމްގެ ހިންގުން ދޯދިޔާވެ މާލީ ބޮޑެތި މައްސަލަތަކެއް އެ އިދާރާއަށް ވަނީ ކުރިމަތިވެފަ އެވެ.