ބޭރު ކުޅިވަރު

ނޭމާ އަކީ އަހަރެން ކަހަލަ ކުޅުންތެރިއެއް: ރޮނާލްޑޯ

ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ނޭމާ ސަންޓޯސް އަކީ އޭނާ ކަހަލަ ކުޅުންތެރިއެއް ކަމަށާއި ނޭމާ ދެކެ ވަރަށް ގަޔާވާ ކަމަށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ މިހެން ބުނި ބާސެލޯނާގެ ތިން ފޯވަޑުން ކަމަށްވާ ނޭމާ އާއި ލަޔޮނަލް މެސީ އަދި ލުއިސް ސުއަރޭޒް މެދުގައި އޮންނަ ގާތްގުޅުން ރޮނާލްޑޯ އާއި އޭނާގެ ޓީމް މޭޓުންނާ ނޯންނަ ކަމަށް ވާހަކަ ދެކެވެމުން އަންނަ ދުވަސްވަރެއްގަ އެވެ. އަދި ބާސެލޯނާގެ ފޯވަޑް ލައިނުގެ އެކުވަރިކަމާ ގުޅުވައިގެން އޭނާއާ ތަފާތު ސުވާލުތައްކުރާތީވެ ރޮނާލްޑޯ ރުޅި އިސްކޮށްފައިވަނިކޮށެވެ.

"ނޭމާ އަކީ އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް. އަދި އޭނާ އަކީ އަހަރެން ކަހަލަ ކުޅުންތެރިއެއް. އޭނާ އަށް މެސީއާ އަރާ ހަމަކުރެވިދާނެ. މިހާރު އޭނާ އަށް ދިމާވެގެން އުޅޭ މައްސަލައަކީ މިހާރު އޭނާ އުޅޭ މާހައުލަށް ހޭނިގަތުމުގެ މައްސަލަ. ނޭމާވީ އޭނާގެ ގޮތުގައި ވަރުގަދަ މީހަކަށް ވާން،" ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލްގެ ކެޕްޓަން މިހެން ބުނެފައިވަނީ މިވަނީ ރެއާލް މެޑްރިޑުން ނޭމާ ގަންނަން އުޅޭ ވާހަކަ އާއި މެންޗެސްޓާ ސިޓީން ނޭމާ ގަންނަން އުޅޭ ވާހަކަ ވެސް ދެކެވޭ ދުވަސްވަރެއްގަ އެވެ. އަދި މެސީގެ ސަބަބުން ނޭމާ އަށް ބާސެލޯނާގެ ލީޑް ރޯލް ނުލިބޭތީވެ ނޭމާގެ އަސްލު ކުޅުން ނުދެއްކޭ ކަމަށް ވެސް ގިނަ ބަޔަކު ބުނަމުންދެ އެވެ.

ފަހަކަށް އައިސް ނޭމާގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ޓެކްސްގެ މައްސަލާގަ އާއި ބާސެލޯނާ އަށް އޭނާ ބަދަލުވުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ކޯޓަށް މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

ނޭމާ ވަނީ ރޭ ލަސްޕަލްމާސް އަތުން ރޭ ބާސެލޯނާ މޮޅުވި 2-1އިން މެޗުގައި މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު ޖެހީ ލުއިސް ސުއަރޭޒް އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 41 ވަނަ ލަނޑެވެ.