ދައުލަތުގެ ބަޖެޓުން ފައިސާ ދީގެން ނޫނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ކުރިއަށް އޮތް ދެމަހަށްވެސް ހިންގެން ނެތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު ބެލުމަށް ޓްރާންސިޝަނަލް ކޮމިޓީތަކުން ބައްދަލުކުރުމުން ކަންބޮޑުވާ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ.
އެގޮތުން ފިރުޒުލް ވިދާޅުވީ މިހާރުގެ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެންމެ ބޮޑަށް ޝާމިލްވެފައިވާ ކުންފުނިތައް ހިންގުމަށް ވަރަށް ބޮޑަށް ފައިސާ ބޭނުންވެފައިވާ ކަމަށެވެ. އެގޮތަށް މެދުވެރިވީ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރުމަށްފަހު މަސައްކަތުގެ އަގުގެ ގޮތުގައިވާ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެމުން ނުދާތީ ކަމަށެވެ.
ކުންފުނިތަކުން ހިއްސާކުރި ކަންބޮޑުވުންތައް ކަމަށް ވިދާޅުވެ ފިރުޒުލް ވިދާޅުވީ ހިނގަމުން މިދާ އަހަރު ކުންފުނިތައް ހިންގެން އޮތީވެސް ސަރުކާރުން ފައިސާ ދީގެން ކަމަށް ބައެއް ކުންފުނިތަކުން ބުނާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެމަހަށް ކޮންމެ ދުވަހަކުވެސް ކުންފުނި ހިންގުމަށް ބޭނުންވާ ނުވަތަ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ސަރުކާރުގެ ބަޖެޓުގެ ތެރެއިން ބޭނުންވާ ކަމަށްވެސް ބައެއް ކުންފުނިތަކުން ބުނާ ކަމަށްވެސް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ ކުންފުނިތަކުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޑރ. މުއިއްޒުގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށާއި އަދި އެކަންކުރާނީ ވަރަށް ބޮޑަށް ފަރުވާތެރިވެގެން ކަމަށެވެ.
ބައެއް ގާނޫނުތަކުން ވަކި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނުވަތަ ފަންނީ މަސައްކަތްތަކެއް ކުރުމަށް އުފައްދާފައިވާ ބައެއް އިދާރާތަކުން ކަންބޮޑުވާ ބައެއް ކަންކަންވެސް ފިރުޒުލް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީ ގޮތަށް ވަކި ގާނޫނެއްގެ ދަށުން އެކަމަކު ވަކި އިދާރާއެއްގެ ދަށުން މަސައްކަތް ކުރަންޖެހޭ ގޮތަށް ހުރި އިދާރާތަކުގެ ޝަކުވާތަކެއް ހުރި ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.
މިފަދަ އިދާރާތަކުގެ މައިގަނޑު ކަންބޮޑުވުމަކީ އެ އިދާރާތަކަށް ސިޔާސީ ނުފޫޒު ވަނުމާ އެކަމާ ގުޅިގެން ގާނޫނީ ޒިންމާ އަދާކުރަން ދަތިވުމުގެ މައްސަލަ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. އަދި މިފަދަ އިދާރާތަކަށް ލިބެންޖެހޭ ބަޖެޓް އެކަށީގެންވާ ގޮތަކަށް ލިބެމުން ނުދާތީ އެ އިދާރާތަކުން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރަން ދަތިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.
އޭނާ މިއަދުވެސް ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް އިދާރާތަކުން ފުރިހަމައަށް އެއްބާރުލުންދޭ ކަމަށެވެ.
"އަޅުގަނޑު ހަމަ މިފުރުސަތުގައި ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަން ބޭނުން އިދާރާތަކާ އެކު ބައްދަލުވުންތައް ގެންދާއިރު މިބައްދަލުވުންތަކުގެ އިދާރާތަކުގެ އެންމެ އިސްވެރިން ހުރިހާ އިދާރާތަކުގައިވެސް ޓްރާންސިޝަނަލް ޓީމުތަކާ ބައްދަލުކޮށް ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާކަން އަޅުގަނޑު އުފަލާ އެކު ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަން ބޭނުން،" ފިރުޒުލް ވިދާޅުވި އެވެ.