ފިނިޕޭޖް

ސާ މައިކަލް ކޭން ރިޓަޔާކުރަނީ

މައިކަލް ކޭން 2000 ވަނަ އަހަރު ބޭއްވި އެކަޑަމީ އެވޯޑް ޝޯގައި "ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް" ހިފައިގެން
0%
0%
0%

ދެ ފަހަރު އެކަޑަމީ އެވޯޑް ލިބިފައިވާ އަދި އިނގިރޭސި ރާނީގެ އަތްޕުޅުން ނައިޓްހުޑް ލިބިފައިވާ 90 އަހަރުގެ ހުނަރުވެރި އެކްޓަރު ސާ މައިކަލް ކޭން ރިޓަޔާކުރަނީ އެވެ.

މައިކަލް ރިޓަޔާކުރާނެ ކަމަށް އިއުލާންކުރީ ބީބީސީ ރޭޑިއޯ 4ގެ ޓުޑޭ ޝޯ ގައެވެ.

މައިކަލް ބުނީ އޭނާ ރިޓަޔާކުރާ ވާހަކަ ކުރިން ދެއްކި ނަމަވެސް މިފަހަރު ހަމަ ރިޓަޔާކުރަނީ ކަމަށެވެ.

މި ހަބަރު މައިކަލް އާންމުކުރީ އޭނާގެ އެންމެ ފަހު ފިލްމް "ދަ ގްރޭޓް އެސްކޭޕާ" އޮކްޓޯބަރު 6 ގައި ރިލީޒްކޮށްފައި ވަނިކޮށެވެ.

"ދަ ގްރޭޓް އެސްކޭޕާ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރޯޔަލް ނޭވީގެ އޮފިސަރެއް ކަމުގައިވާ ބާނާޑް ޖޯޑަން، ޖޫން 2014 ގައި އޭނާގެ ނާސިން ހޯމްއިން ފިލައިގެން ދިޔަ ހާދިސާއާ ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ.

މި ހާދިސާއަށް ވާހަކަ ލިޔުނީ ވިލިއަމް އައިވަރީ އެވެ. ފިލްމު ޑައިރެކްޓް ކުރީ އޮލިވާ ޕާކާ އެވެ. ބާނާޑް އެ ނާސިން ހޯމް އިން ފިލިއިރު އޭނާގެ އުމުރަކީ 89 އަހަރެވެ.

"މިސް ކޮންޖީނިއަލިޓީ" ގައި ބެންޖަމިން ބްރެޓް، ސެންޑްރާ ބުލޮކް އަދި މައިކަލް ކޭން

މި ވާހަކައިގެ މައްޗަށް ޕިއާސް ބްރޮސްނަން ކުޅެފައިވާ ފިލްމު "ދަ ލާސްޓް ރައިފަލްމޭން" ވެސް މިއަހަރު ރިލީޒްކުރާނެ ކަމަށް އުއްމީދުކުރެވެ އެވެ.

މައިކަލް ބުނީ އޭނާ ހިތަށް އެރީ އޭނާގެ އުމުރުގައި ލީޑް ރޯލަށް އެކްޓްކުރުމަށް ހުށަހެޅުން ނުލިބޭނެ ކަމަށާއި ލިބޭނީ މުސްކުޅިންގެ ރޯލް ކަމަށެވެ. އެކަމަކު އޭނާއަށް ލީޑް ރޯލް ކުޅެން ލިބުނު ފިލްމު -- ދަ ގްރޭޓް އެސްކޭޕާ އަށްފަހު ދެން ރިޓަޔާ ކުރަންވީ ކަމަށްވެސް ބުންޏެވެ.

މައިކަލް ބުނީ ފިލްމުތަކުގައި ދުވަސްވީ މީހުންގެ މުހިއްމު ރޯލްތައް ފެނުން މުހިއްމު ކަމަށެވެ. އޭނާ ގިނަ ދުވަސްތަކެއް ވަންދެން ރިޓަޔާ ނުކޮށް ފިލްމީ މަސައްކަތުގައި އުޅުނީވެސް އެ ސަބަބާ ގުޅިގެން ކަމުގައި ވިދާޅުވި އެވެ.

މައިކަލް ކޭން އާއި އަންހެނުން ޝާކިރާ ބަކްޝް

މައިކަލް އަކީ މައުލޫމާތު / ޓްރީވިއާ ފޮތްތަކެއް ލިޔުމުގެ އިތުރުން ތިން މެމުއާ ލިޔެފައިވާ މީހެކެވެ.

މީގެއިތުރުން ކޯވިޑް-19 ގެ ދުވަސްވަރު ގޭގައި ކަމެއް ނެތި ހުރި ދުވަސް ވަރު ވާހަކައެއް ލިޔެފައިވެ އެވެ. މި ވާހަކަ، "ޑެޑްލީ ގޭމް" ރިލީޒްކުރާނީ އަންނަ މަހު އެވެ.

މައިކަލް ބުނީ ރިޓަޔާކުރުމަށްފަހު އަނބުރާ ފިލްމީ ދުނިޔެއަށް ނާންނާނެ ކަމަށާއި އޭގެ ބަދަލުގައި ވާހަކަ ލިޔާނީ ކަމަށެވެ.

މައިކަލް ބުނީ އެކްޓްކުރާއިރު ހެނދުނު 6 ޖަހާއިރު ހޭލައިގެން ސްކްރިޕްޓް ދަސްކުރަމުން ޝޫޓިންއަށް ގޮސް، ރޭގަނޑު 10 ޖަހަންދެން ޝޫޓްކުރަން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ވާހަކަ ލިޔާއިރު އޭނާ ކޮންމެ ވަގުތެއްގައިވެސް ހަމަޖެހިލައިގެން އެނދުމަތީ އޮވެގެންވެސް ފަންސޫރަކާއި ކަރުދާސް ލިބުމުން ލިޔެވޭނެ ކަމަށެވެ.

މައިކަލް އަށް އެކަޑަމީ އެވޯޑްސްގެ "ބެސްޓް ސަޕޯޓިން އެކްޓާ" ކެޓަގަރީން އެވޯޑް ލިބުނީ "ހެނާ އެންޑް ހާ ސިސްޓާސް (1986)" އާއި "ދަ ސައިޑާ ހައުސް ރޫލްސް (1999)" އިންނެވެ. މީގެ އިތުރުން ހަތަރު ފިލްމަކަށް "ބެސްޓް އެކްޓާ" ކެޓަގަރީ އިން ނޮމިނޭޓްވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910