ފިނިޕޭޖް

ހޭލީ އޮރޭންޓިއާ އާއި ގްރެގް ފާމަން ކައިވެނިކޮށްފި

"ދަ ގޯލްޑްބާގްސް"ގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ހޭލީ އޮރޭންޓިއާ، 28، އާއި އެކްޓަރު އަދި މިއުޒިޝަން ގްރެގް ފާމަން ކައިވެނިކޮށްފި އެވެ.

މި ދެ ލޯބިވެރިން ކައިވެނިކުރީ ކެލިފޯނިއާގެ މެލީބޫގެ ކަލަމީގޯސް ރޭންޗް ގައެވެ. އަދި ދެ ދުވަހަށް ކުރިއަށްދާ ކައިވެނީގެ ހަފްލާގައި 200އެއްހާ އާއިލީ މެންބަރުންނާއި ގާތް ރަހްމެތްތެރިން ބައިވެރިވެ އެވެ.

ކައިވެނިކުރުމަށް ހޭލީ ލައިގެންހުރީ ލިޒް މާޓިނޭޒްގެ މިނާ ޖަހާފައިވާ "ފްލެޕާ ގާލް" ވެޑިން ޑްރެސް އެކެވެ.

ކައިވެންޏަށްފަހު އޮންނަ ޕާޓީގައި ބޭނުންވަރަކަށް ނެށުމަށް ހޭލީގެ ވެޑިން ޑްރެސްގައި ވަކި ކުރެވޭ ޝިފޯން ސްކާޓެއް ހިމަނާފައިވެ އެވެ. ގްރެގް ހުރީ ކަޅު ބޯޓައި އަކާ އެކު ކަޅު ޓަކްސީޑޯ އަކާއި ހުދު ގަމީހެއް ލައިގެންނެވެ.

ހޭލީ އާއި ގްރެގް އަލަށް ދިމާވީ "ދަ ގޯލްޑްބާގްސް"ގައި މަސައްކަތް ކުރި މީހަކު މެދުވެރިކޮށެވެ.

ހޭލީއަށް ގްރެގް ވަރަށް ލޯބި މީހަކަށްވީ ނަމަވެސް ދެވަނަ ފަހަރަށް ދިމާވީ އޭގެ ހަމަސް ފަހުންނެވެ. އަދި ލޯބީގެ ފެށުމަކަށްވީ ގްރެގްގެ ވީޑިއޯތައް ހޭލީގެ އިންސްތަގްރާމް ފީޑަށް އައުމުން، ގްރެގްއަށް ވަކިން މެސެޖްކޮށް ކޮފީއަކަށް ދާން އެހުމުން ކަމަށް ހޭލީ ބުންޏެވެ. އޭގެ ފަހުން ޑޭޓްކުރަން ފަށައި ގްރެގް، ހޭލީ ގާތު ކައިވެނިކުރުމަށް އެހީ މިދިޔަ އަހަރުގެ މޭ މަހު އެވެ.