ދުނިޔެ

ޔަހޫދީ ސިފައިންނަށް ޣައްޒާ ވެގެންދާނީ ގަބުރުސްތާނަކަށް: އީރާން

ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެން ނުވާނެ ކަމަށް ބުނެ އީރާނުން ވަނީ ޔަހޫދީ ދައުލަތަށް ތަކުރާރުކޮށް އިންޒާރު ދީފަ އެވެ.

އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ޔަހޫދީ ސިފައިން ޣައްޒާއަށް އަރައިގެންފިނަމަ ހަނގުރާމަ ފުޅާވެ މުޅި ސަރައްދަށް ފެތުރިގެން ހިނގައިދާނެ އެވެ.

އީރާނުން އަނެއްކާވެސް މިއޮތީ އެ އިންޒާރު ތަކުރާރުކޮށްފަ އެވެ.

އީރާނުން މިފަހަރު ބުނީ ޔަހޫދީ ދައުލަތުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް އެ މީހުންގެ ސިފައިންނަށް އަމުރުކޮށްފިނަމަ ޔަހޫދީ ސިފައިންނަށް ޣައްޒާ ވެގެންދާނީ ގަބުރުސްތާނަކަށް ކަމަށެވެ.

ޔަހޫދީންނަށް ނަސޭހަތްލައިދޭނެ ބަޔަކު ތިބިނަމަ އަވަހަށް ފުރުސަތުގެ ބޭނުން ހިފުމަށްވެސް އީރާންގެ ހާރިޖީ ވަޒީރު ގޮވާލެއްވި އެވެ. އޭނާ އަދި ވިދާޅުވީ ޑިޕްލޮމެޓިކް އުސޫލުތަކުން ހަނގުރާމަ ހުއްޓުވަން ނުކުޅެދިއްޖެނަމަ ހަނގުރާމައިގައި ބައިވެެރިވާން ކެތްމަދުވެފައި ތިބި އެތައް ލައްކަ ބަޔަކު އެބަތިބި ކަމަށެވެ.

ޣައްޒާގައި ބޮޑުތަޅު އަޅުވައިގެން ކުޑަކުދިންނާއި އަންހެނުން އަދި ދުވަސްވީ މީހުން މަރަމުންދާ ތަން ބަލަން ކެތްނުކުރާނެ ބަޔަކު ތިބި ކަމަށްވެސް އަބްދުއްލަހިޔާން ވަނީ ހަނދާންކޮށްދެއްވާފަ އެވެ.

ވަޒީރު ވިދާޅުވީ ޔަހޫދީ ދައުލަތަށް މިހާރު އޮތީ ދެގޮތުން ކުރެ ގޮތެއް އިހްތިޔާރުކުރުން ކަމަށާއި ފުރުސަތު ދޫކޮށްލައިފިނަމަ ސަހަލު ގޮތަކަށް ދޫކޮށްނުލައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޒަޔޮނިސްޓުންގެ ވިސްނުމުގައި ޣައްޒާއަށް އަރައިގަތުން އޮތްނަމަ އެއީ ޔަހުދީ ވިސްނުމެއް ކަމަށެވެ. އެއީ ނުބައި ވިސްނުމެއްކަން ޔަހޫދީންނަށް އަންގައިދޭނީ މި ސަރަހައްދުގައި ތިބި އީރާންގެ ވަފާތެރިން ކަމަށްވެސް ވިދާޅުވި އެވެ.

ޔަހޫދީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ ކަންކުރާނެ ގޮތް އީރާނުން މިހާރު ވަނީ ރާވާ ނިންމާފަ އެވެ.

ހުސައިން އަމީރު އަބްދުއްލަހިޔާން ލުބްނާނަށް ކުރެއްވި ދަތުރުގައި ހިޒްބުﷲގެ ވެރިންނާ ބައްދަލުކުރައްވައި ވަނީ ހަނގުރާމައިގެ މަގުޗާޓު ކުރައްސަވާފަ އެވެ.