ދުނިޔެ

ޣައްޒާގައި އިންސާނީ ކާރިސާއެއް ނެތް: ޔަހޫދީ ސަފީރު

ޣައްޒާގައި އިންސާނީ ކާރިސާއެއް ދިމާވެފައި ނެތް ކަމަށް ޔަހޫދީ ދައުލަތުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒިޕީ ޚޮތޮބެލީ ވިދާޅުވެއްޖެ އެވެ.

ޔަހޫދީ ސަފީރު މިހެން ވިދާޅުވި ނަމަވެސް ޔަހޫދީ ސިފައިންނާ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި، ޣައްޒާގައި ތިބިހާ ބަޔަކު ތިބީ ތާށިވެފަ އެވެ.

އަނެއްކޮޅުން ޔަހޫދީ ދައުލަތުން ޣައްޒާއިން ފެނާއި ކަރަންޓް ކަނޑާލައި ކާބޯތަކެތި ވެއްދުން ވެސް އޮތީ މަނާކޮށްފަ އެވެ.

ޔަހޫދީ އަސްކަރިއްޔާ އިން ޣައްޒާގެ އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދު 3،000 އަށް އަރަނީ އެވެ. މަރުވި ކުޑަކުދިންގެ އަދަދު މަދު ވަގުތުކޮޅެއްގެ ތެރޭގައި 1،000 އަށް އަރާނެ އެވެ. ޒަހަމްވި މީހުންގެ އަދަދު 10،000 އަށް އެރުން ވެސް އޮތީ ދުރުގައެއް ނޫނެވެ.

ސަފީރު ވިދާޅުވި ގޮތުގައި ޔަހޫދީ އާބާދީ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ޔަހޫދީ ދައުލަތުން ނަގާނެ އެވެ. އަދި ފަލަސްތީންގެ ރައްޔިތުން ހިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހަމާސް އިން ކުރަން ޖެހޭނެ އެވެ.

ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޣައްޒާއަށް ފޯރުކޮށްދޭ ހުރިހާ އެހީއެއްގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކީ ހަމާސް ކަމަށް ސަފީރު ވިދާޅުވި އެވެ.

ހަމާސްގެ ކަންތައް މިހާރު ބޮޑުވެއްޖެ ކަމަށާއި އެ މީހުންގެ ޒަމާން ދުއްވާލައި ވަސްފިލުވާލުމަށް މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ޔަހޫދީ ދައުލަތަށް ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުން ފައިބައިގެން ދާނެ ބަޔަކު ދާންވީ ކަމަށް ޔަހޫދީ ސަފީރު ވިދާޅުވި އެވެ. ޣައްޒާގައި ތިބެގެން ބަޔަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ ޔަހޫދީ ދައުލަތުން ނުނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަމާސްއާ ހެދި ބަޔަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ ގެއްލުމެއްގެ ޒިންމާ ހަމާސްއިން ނަގަން ޖެހޭނެ ކަމަށެވެ.