ފަލަސްތީން

އައިއޭސީގެ ގުދަނަކަށް އިޒްރޭލުން ހަމަލާދީފި

ދިވެހިންތަކެއް އިސްވެ ތިބެ ހިންގަމުން ގެންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ވެއާ ހައުސްއަކަށް އިޒްރޭލު ސިފައިން ހަމަލާދީ އެ ވެއާ ހައުސް އެއްކޮށް ހަލާކުކޮށްލައިފި އެވެ.

އައިއޭސީން ވަނީ އިޒްރޭލު ސިފައިން ހަމަލާދީ ހަލާކުކޮށްލި އައިއޭސީގެ ގުދަނުގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

މި ހަމަލާގެ ސަބަބުން 2،000 ރަޖާ އާއި ވަގުތުން ކެވޭ ގޮތަށް ތައްޔާރުކޮށްފަ ހުރި 1،000 ފުޑް ޕެކް އަދި 3،000 އަންނައުނު ޕެކް އެއްވެސް ވަރަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އައިއޭސީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އިޒްރޭލު ސިފައިން ވަނީ އައިއޭސީގެ މުވައްޒަފުން ދަތުރުކުރަމުންދިޔަ ވެހިކަލަކަށް ހަމަލާދީފަ އެވެ.

މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވާވަރުގެ އަނިޔާއެއް ނުވާ ކަމަށް އައިއޭސީން ވަނީ ބުނެފަ އެވެ.

އިޒްރޭލު ސިފައިންގެ އައިއޭސީގެ ވެއާ ހައުސްއަކަށް ހަމަލާދީ އެތަން ހަލާކުކޮށްލާފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އައިއޭސީން ވަނީ ފަންޑެއްވެސް ހުޅުވާފަ އެވެ.

އައިއޭސީން ވަނީ ގާޒާގެ ތިން ހޮސްޕިޓަލަކަށް ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮވެސް ފޯރުކޮށްދީފަ އެވެ.