ފިނިޕޭޖް

މާޓިން ލޫތާ ކިންގް ޖޫނިއާގެ ބަޔޯޕިކެއް ހަދަނީ

އެމެރިކާގައި ކަޅު ނަސްލު މީހުންނަށް ވޯޓުލުން ފަދަ މަދަނީ ހައްގުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ސިޔާސީ އެކްޓިވިސްޓް ޑރ. މާޓިން ލޫތާ ކިންގް ޖޫނިއާގެ ހަޔާތައް ފިލްމެއް ހަދަނީ އެވެ.

މަހާތްމާ ގާންދީގެ "ނޮން ވަޔަލެންޓް ރެސިސްޓަންސް" ފަލްސަފާއިން އިންސްޕަޔާވި މާޓިންގެ މަސައްކަތްތަކާ ގުޅިގެން ދޮން ނަސްލުގެ މީހުންގެ ނަފްރަތު ލިބެމުންގޮސް 1968 ގައި މީހަކު ވަނީ މާޓިންގެ ގަޔަށް ބަޑިޖަހައި އމަރާލާފަ އެވެ. އޭރު މާޓިންގެ އުމުރަކީ 39 އަހަރެވެ.

މާޓިންގެ ހަޔާތަށާއި މަސައްކަތްތަކަށް އެތައް ފިލްމަކާއި ޑޮކިއުމެންޓްރީއެއް ކުރިންވެސް ހަދާފައިވެ އެވެ. މިފަހަރު މި ހަދާ ފިލްމަކީ ހުނަރުވެރި ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސްޓީވަން ސްޕީލްބާގްއާ ގުޅިގެން ޔުނިވާސަލް ޕިކްޗާސް އިން އުފައްދާ ބަޔޯޕިކް އެކެވެ. މި ބަޔޯޕިކް ޑައިރެކްޓް ކުރާނީ ކްރިސް ރޮކް އެވެ.

މި ބަޔޯޕިކް ބިނާކޮށްފައިވަނީ ޖޮނަތަން އެއިގްގެ ބަޔޯގްރަފީ "ކިންގް: އަ ލައިފް" އަށެވެ. މިއީ މިއަހަރު ކުރީކޮޅު ރިލީޒްކުރި ފޮތެކެވެ. މި ބަޔޯޕިކްއާ ބެހޭގޮތުން އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ.

މާޓިންގެ ބަޔޯޕިކްގެ ހަބަރު އާންމުކޮށްފައިވަނީ މާޓިން ފަދަ އެކްޓިވިސްޓެއް ކަމުގައިވާ ބޭޔާޑް ރަސްޓިންގެ ހަޔާތައް ހެދި ފިލްމް "ރަސްޓިން" އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައި ވަނިކޮށެވެ. މި ފިލްމުގައި ކްރިސް ރޮކްވެސް ރޯލެއް އަދާކޮށްފައިވެ އެވެ.