ޔަހޫދީ ދައުލަތުން އެމެޖެންސީ އަސްކަރީ އެހީގެ ގޮތުގައި 10 ބިލިއަން ޑޮލަރު ހޯދަން އެމެރިކާގެ ކިބައިން އެދިއްޖެ އެވެ. މިއީ ޣައްޒާއާ ދެކޮޅަށް ޔަހޫދީ އަސްކަރިއްޔާއިން ދެމުންދާ ހަމަލާތަކަށް ތެޔޮއަޅަށް ބޭނުންވާ ފައިސާ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތުގައި ޔަހޫދީ ދައުލަތަށް ކަމެއް ބޭނުންވެއްޖެނަމަ އެކަމެއް ފުއްދައި ނުދެއްވައި ނިދިވެސް ނުކުރައްވާނެ އެވެ.
ވައިޓް ހައުސް އިން ލީކުވާ ހަބަރުތައް ބުނާ ގޮތުން ޔަހޫދީންނަށް އެހީވުމަށް ގާނޫނު ހަދާ މަޖިލީހާ ގުޅިގެން ވައިޓް ހައުސް އިން ދަނީ ބިލެއް ތައްޔާރުކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވައިޓް ހައުސް އިން ތައްޔާރުކުރާ މި ބިލުގައި، ޔުކްރޭނަށާއި ޓައިވާނަށް ބޭނުންވާ ފައިސާ ވެސް ހިމަނާނެ އެވެ.
ޔަހޫދީ ދައުލަތަށް ބޭނުންވާ ފައިސާގެ އިތުރުން މިސައިލާއި ބޮން، އުންޑަ އަދި އަޔަން ޑޯމް ތާޒާކުރަން ބޭނުންވާ އާލާތްތައް ވެސް ފޯރުކޮށް ދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ މަޝްވަރާކުރަމުންނެވެ.
ނިއުޔޯކް ޓައިމްސް އިން ބުނާ ގޮތުން ޔަހޫދީ ދައުލަތަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވަނީ އެ ނޫހަށް މައުލޫމާތު ދީފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ކުރެވުނު ނަމަވެސް އެއީ މިހާރު ވެސް ފާސްވެފައި ހުރި ބިލްތަކެއް ކަމަށްވެސް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކުރެ އެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހު ހަމާސް އިން ޔަހޫދީ އާބާދީތަކަށް ދިން ކުއްލި ހަމަލާތަކުގައި، ޔަހޫދީން ތިބީ ވަރަށް ބޮޑަށް ސިހި، ހާސްވެފަ އެވެ.
ހަމާސް އިން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާއާ ގާތް އަވަށްތަކުގައި ޔަހޫދިން ދިރިއުޅެން މިހާރު ބޭނުންނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ހަބަރުތައް ބުނާ ގޮތުން ހަމާސް އާއި ހިޒްބުﷲ އިން މިހާރުވެސް ދޭތެރެ ދޭތެރެއިން ޔަހޫދީ އާބާދީތަކަށް ދަނީ މިސައިލް ފޮނުވަމުންނެވެ.
މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުނުވި ނަމަވެސް ޔަހޫދީން އާދަޔާ ހިލާފަށް ބިރުގަނެ ނަފުސާނީ ވެފައިވާ ކަމަށްވެސް ވެއެވެ.