ފެނަކަ ކޯޕަރޭޝަންގެ ދަރަންޏަކީ ހަމައެކަނި މި ސަރުކާރު އައިފަހުން އުފެދުނު ދަރަނި ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށް ގޮވާލާ ގަރާރުގެ ބަހުސް އެވެ. މި ގަރާރުގައި ވަނީ ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށްވެސް ގޮޮވާލާފަ އެވެ.
ގަރާރުގެ ބަހުސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ހިނގަމުންދާ އެމްޑީޕީގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ދަރަނީގެ ގޮތުގައި 1.183 ބިލިއަން ރުފިޔާއަށް އަރާކަން އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށެވެ.
"2021 ވަނަ ނިމުނުއިރު 1.6 ބިލިއަން ރުފިޔާއަށް މި އަަދަދު ބޮޑުވެފަ ވަނީ. އަދި 2022 ވަނަ އަހަރަށް ދިޔައިރު 1.9 ބިލިއަން ރުފިޔާއަށް. އަޅުގަނޑުގެ އުފެދޭ ސުވާލަކީ 2.8 ބިލިއަން ރުފިޔާގެ ހިސާބު އަދަދު އެއީ ކޮން ދިމާލަކުން ހޯދެއްވި އަދަދެއްތޯ؟" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އެ އަދަދަށްވެސް ފެނަކައިން ފައިސާ ދޭން ޖެހޭނަމަ އެއީ އަވަހަށް ކުރަންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.
ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާއިރު ފެނަކައިގެ ރައުސްމާލު އިތުރުކޮށް ގިނަ ހިދުމަތްތަކެއް ދީފައިވާކަން އަސްލަމް ފާހަގަކުރެއްވި އެވެ.
އެގޮތުން ރަށްރަށުގައި 17،000 ކިލޯމީޓަރުގެ ކޭބަލް އަޅާފައިވާ ކަމަށާއި 100 އަށްވުރެ ގިނަ ރަށުގައި ކޭބަލްގެ ނެޓްވޯކް ގާއިމުކޮށް 313 ޖަނަރޭޓަރު ސެޓް ބަހައްޓައި 150 މެގަވޯޓަށްވުރެ އިތުރަށް ކަރަންޓް އުފެއްދޭ މިންވަރު ފުޅާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ގަރާރުގެ ބަހުސްގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ފެނަކައަށް އާމްދަނީ ލިބެނީ ދެ ގޮތަކުން ކަމަށެވެ.
އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ފޮނުވާ ބިލުތަކަށް ލިބޭ ފައިސާ އާއި ދައުލަތުން ދޭ ސަބްސިޑީކަން ނިޔާޒް ފާހަގަކުރެއްވި އެވެ.
ފެނަކައަށް ލިބޭ އާމްދަނީ ބަލަންޖެހޭ ކަމަށާއި ބިލަށް ފައިސާ ނުދައްކާ މިންވަރާއި އެކަމުން ކުންފުނީގެ ކޭޝްފްލޯއަށް ކުރާ އަސަރުވެސް ބަލަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
މިނިމަމް ވޭޖްގެ ސަބަބުން ފެނަކަ ހިންގުމަށް ބުރަ ބޮޑުވެގެންދިޔަ ކަމަށްވެސް ނިޔާޒް ވިދާޅުވި އެވެ.
"މިނިމަމް ވޭޖް ތައާރަފުކުރުމުގެ ކުރީގައި ފެނަކައިގެ ޕޭރޯލަށް ގާތްގަނޑަކަށް ހަރަދުވާކަމަށް ފެނަކައިން މައުލޫމާތު ދެނީ ގާތްގަނޑކަަށް 35 މިލިއަން ރުފިޔާ. އެހެން ނަމަވެސް މިނިމަމް ވޭޖް ތައާރަފުވެ އޭގެ އަސަރުކޮށްގެން ގާތްގަނޑަކަށް މިހާރު ފެނަކައިގެ ޕޭރޯލަށް 50 މިލިއަންވަރު ހަރަދުވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" ނިޔާޒް ވިދާޅުވި އެވެ.
ގަރާރުގެ ބަހުސްގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ވަނީ މި ދައުރުގައި ފެނަކައިގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ގަރާރުގެ ބަހުސްގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުވެސް ވަނީ މި ސަރުކާރު ވެރިކަމަށް އައިއިރުވެސް ފެނަކައިގައި ދަރަނި އެއް ބިލިއަން ރުފިޔާއަށް އަރާކަން ފާހަގަކުރައްވާފަ އެވެ.