ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެމަނިކުފާނަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ޖަވާބުދާރީވެވަޑައިގަތުމަށް 30 މިނެޓްގެ ވަގުތެއް ދިނުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ މަޖިލީހުގައިވެސް އަމަލުކުރެއްވި ގޮތް ކަމަށް ވިދާޅުވެ ޝާހިދު ހުށަހެޅުއްވީ ފެށުމާއި މެދުތެރެއިންނާއި ނިންމަމުން އެއިން ކޮންމެ ފަހަރަކު 10 މިނިޓުގެ ފުރުސަތު ދިނުމަށެވެ.
އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދަށް ތުހުމަތުކުރެއްވުމާ ގުޅިގެން އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްފެ ލީޑަރު އަލީ އާޒިމް ވަނީ ޖަވާބުދާރީވުމަށް ދެތިންގަޑިއިރުގެ ވަގުތު ދެއްވުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ފާސްވީ ޝާހިދު ހުށަހެޅުއްވި ގޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވެސް ބުނެފައިވަނީ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މުޅި ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ 49 މެންބަރުންގެ ސޮޔާއެކު މިމަހުގެ ނުވަވަނަ ދުވަހު އެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މައްސަލައިގެ ނޯޓިސް ނަޝީދާއި މަޖިލީހުގެ މެންބަރުންނަށް މިމަހުގެ ނުވަވަނަ ދުވަހު ފޮނުއްވާފަ އެވެ.
ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ. މިގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުން ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ.
ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ.