ސީއެޗްއެސްސީ ކުރިން ހިންގި އިމާރާތް އަމީނިއްޔާ ސްކޫލަށް ދިނުމަށް ނިންމައި އަމީނިއްޔާ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް ނިންމައިފި އެވެ.
ސީއެޗްއެސްސީ ކުރިން ހިންގި އިމާރާތް ހުންނަނީ އަމީނިއްޔާ ސްކޫލާ ޖެހިގެންނެވެ. ސީއެޗްއެސްސީގެ އާ އިމާރާތް މިހާރު ހިންގަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީ ގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ ސީއެޗްއެސްސީ ކުރިން ހިންގި އިމާރާތަކީ މަރާމާތުކުރަންޖެހިފައިވާ ތަނަކަށްވާތީ އެތަން މަރާމާތުކުރުމަށްފަހު އަމީނިއްޔާ ސްކޫލަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"މިވަގުތަށް ސީއެޗްއެސްސީ އިމާރާތުގެ ބައެއް ތަންތަން މަރާމާތުކޮށްލައިގެން ބޭނުންކުރަން ޖެހުނު ނަމަވެސް ދިގު މުއްދަތުގެ ޕްލޭނަކީ ސީއެޗްއެސްސީ އިމާރާތް ހުރި ތަނުގައި އާ ކްލާސްރޫމްތަކެއް އެޅުން،" އޮފިޝަލް ވިދާޅުވި އެވެ.
ސީއެޗްއެސްސީގެ އާ އިމާރާތް ހުޅުމާލޭގައި ހިންގަން ފެށުމާ އެކު އެ ބިން އަމީނިއްޔާ ސްކޫލަށް ހަމަޖައްސައިދިނުމަށް އެ ސްކޫލުން ވަނީ އެޑިޔުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އަމީނިއްޔާ ސްކޫލުގައި އެއްދަންފަޅިއަށް ކިޔަވައިދިނުމަށްޓަކައި މަދުވެގެން 30 އަކަށް ކްލާސްރޫމު ބޭނުންވާނެ ކަމަށެވެ. ސީއެޗްއެސްސީގެ ކުރީގެ އިމާރާތް ލިބުމުން އެކަމަށް ހައްލެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށޭއިރު އަމީނިއްޔާ ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަމީނިއްޔާ ސްކޫލުގައި 1944 ވަނަ އަހަރު ކިޔަވައިދޭން ފެށީ ހަމައެކަނި އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކަމަށްވީ ނަމަވެސް 2010 ވަނަ އަހަރުން ފެށިގެން ދެ ޖިންސުގެ ކުދިންވެސް އަންނަނީ އަމީނިއްޔާ ސްކޫލުގައި ކިޔަވަމުންނެވެ.
މާލެ ސަރަހައްދުގައި މިވަގުތު އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަކީ ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސްކޫލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލާއި މާލޭގައި ހުންނަ ދަރުމަވަންތަ ސްކޫލުގެ އިތުރުން އިއްޒުއްދީން ސްކޫލް ގައެވެ.