ޕީއެސްއައިޕީ

ޕީއެސްއައިޕީ ބަޖެޓުން އިތުރަށް 708 މިލިއަން ރުފިޔާ ހަރަދުކޮށްފި

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ކަނޑައެޅި އަދަދަށްވުރެ އިތުރަށް 708.4 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު 9.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅި 8.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.2 ޕަސަންޓް އިތުރުވުމެކެވެ.

ޕީއެސްއައިޕީ ބަޖެޓަށްވުރެ އިތުރަށް ހޭދަކޮށްފައިވާއިރު މިއަހަރުގެ ބާކީ މިއޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ.

ކުރިއަށް އޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ހުށަހެޅި ޖުމްލަ 6.5 ބިލިއަން ރުފިޔާގެ މި ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދު ބަޖެޓަށްވުރެ އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ޕީއެސްއައިޕީއަށް ކުރި ހަރަދު ވަނީ 52 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހޭދަކުރީ ހަ ބިލިއަން ރުފިޔާ އެވެ.

ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.

އެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ އަދި އެއާޕޯޓް މަޝްރޫއުތަކަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 1.1 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މަގު ހެދުމުގެ މަޝްރޫއުތަކަށްވެސް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މީގެ އިތުރުން ހާބަރު މަޝްރޫއުތަކަށް 843 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ބްރިޖަށް ކުރި ހަރަދު 687 މިލިއަން ރުފިޔާއަށް އަރަ އެވެ.