ފިނިޕޭޖް

ޑެއިލީ ވަޔާއިން ޑިޒްނީ އާ ވާދައަށް "ސްނޯ ވައިޓް" ފިލްމެއް ހަދަނީ

ޑެއިލީ ވަޔާ އިން ޑިޒްނީ ސްޓޫޑިއޯއާ ވާދައަށް "ސްނޯ ވައިޓް"ގެ ލައިވް އެކްޝަން ފިލްމެއް ހަދާ ކަމަށް ބުނެ "ސްނޯ ވައިޓް އެންޑް ދަ އީވަލް ކުއީން"ގެ ޓީޒާ ޓްރޭލާއެއް ނެރެފި އެވެ.

ޑެއިލީ ވަޔާއިން މިހާރު ވަނީ ޑިޒްނީޕްލަސްއާ ވާދައަށް ކުޑަކުދިންނަށް ހާއްސަކޮށް ބެންޓްކީ ލޯންޗްކޮށްފަ އެވެ.

މި ފިލްމު ވެގެންދާނީ ބެންޓްކީގެ ފުރަތަމަ ލައިވްއެކްޝަން ފިލްމަށެވެ.

ޑިޒްނީގެ "ސްނޯ ވައިޓް"އާ ހިލާފަށް ޑެއިލީ ވަޔާގެ "ސްނޯ ވައިޓް އެންޑް ދަ އީވަލް ކުއީން" ބިނާކޮށްފައިވަނީ އޮރިޖިނަލް ގްރިމް ބްރަދާސްގެ ވާހަކަ އަށެވެ.

މި ފިލްމްގައި ސްނޯ ވައިޓްގެ ރޯލް އަދާކުރަނީ ޔޫޓިއުބާ ބްރެޓް ކޫޕާ އެވެ. މި ފިލްމްގެ އިތުރު ކާސްޓް މެންބަރުންނާއި ރިލީޒްކުރާ ތާރީހް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ބްރެޓް ބުނީ އޭނާ ބޮޑުވީ އޮރިޖިނަލް ގްރިމް ބްރަދާސްގެ ވާހަކަތައް ކިޔަމުން ކަމަށާއި ދެން އަންނަ ޖީލަށް މި ގެނެސްދިނުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ސްނޯ ވައިޓް އަކީ ވަރަށް ރީތި ކެރެކްޓާއެއް ކަމަށާއި އެ ކެރެކްޓާ އަދާކުރުމަކީ ބޮޑު ޝަރަފެއް ކަމަށްވެސް ބުންޏެވެ.

ޑިޒްނީއިން 1937 ގައި ނެރުނު ފުރަތަމަ އެނިމޭޓަޑް ފީޗާ ފިލްމް ކަމުގައިވާ "ސްނޯ ވައިޓް އެންޑް ދަ ސެވަން ޑްވާވްސް" ގެ ލައިވް އެކްޝަން ފިލްމް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިދިޔަ އަހަރު އިއުލާންކުރިއިރު، މި ފިލްމާ ބެހޭގޮތުން ދައުރުވާ ހަބަރުތަކާއި ކާސްޓް މެންބަރުންގެ އިންޓަވިއުތަކުގެ ސަބަބުން މި ފިލްމަށް ވަނީ ގިނަ އަދަދަކަށް ފާޑު ކިޔުން ރައްދުވެފަ އެވެ.