ފިނިޕޭޖް

ނެޓްފްލިކްސްގެ "އެވެޓާ: ދަ ލާސްޓް އެއާބެންޑާ" އަންނަ އަހަރު

ނެޓްފްލިކްސް އިން "އެވެޓާ: ދަ ލާސްޓް އެއާބެންޑާ" އެނިމޭޓަޑް ސީރީޒްގެ ލައިވް އެކްޝަން ސީރީޒް އަންނަ އަހަރު ރިލީޒްކުރަން ނިންމައިފި އެވެ.

އަށް އެޕިސޯޑްގެ މައްޗަށް އެކުލެވޭ "އެވެޓާ: ދަ ލާސްޓް އެއާބެންޑާ" އުފައްދާފައިވަނީ އެލްބަޓް ކިމް އެވެ.

މި ސީރީޒްގެ ފަސްޓްލުކް ޓީޒާ ޖޫން މަހު ރިލީޒްކުރިއިރު ބައެއް ކެރެކްޓާތަކުގެ ފޮޓޯތައް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

މި ސީރީޒް ބިނާކޮށްފައިވަނީ ވަކި އަހަރެއް ނޭގޭފަދަ އޭޝިއާގެ މީހުންގެ ޒާތުގެ މީހުން ދިރިއުޅޭ ގައުމުތަކަކަށެވެ.

މި ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމެއްވެސް ހަތަރު "އެލެމަންޓްސް" (ފެން، ވެލި، އަލިފާން އަދި ވައި) ބެންޑް / ބޭނުންގޮތަކަށް އަނބުރާލެވެ އެވެ.

ބާރަ ވަރަކަށް އަހަރުގެ އާންގް އަކީ އެންމެ ފަހުގެ އެއާބެންޑާ އަދި ރޫހާނީ ދުނިޔެ އާއި އިންސާނުންނާ ދެމެދުގައިވާ ބްރިޖެވެ. އާންގް އަކީ ބާކީ ތިން އެލެމަންޓްސް ވެސް ބެންޑްކުރެވޭ ހަމައެކަނި ކުއްޖާ އެވެ. ވޯޓާބެންޑާ ދެބެން ކަމުގައިވާ ކަޓާރާ އާއި ސޮއްކާއާ އެކު އާންގް މަސައްކަތްކުރަނީ ބާކީ ތިން އެލަމަންޓްސްގެ ހުނަރު ދަސްކޮށް، ފަޔާ ނޭޝަން ދުނިޔެ ހިފުމަށް ކުރާ މަސައްކަތް ހުއްޓުމަށެވެ. އަދި ދުނިޔޭގައި ސުލްހަވެރިކަން ގާއިމުކުރާށެވެ. އެހެންނަމަވެސް ފަޔާ ނޭޝަންގެ ޝަރަފު ގެއްލިފައިވާ ޕްރިންސް ޒޫކޯ މަސައްކަތްކުރަނީ އާންގް ހިފުމަށްފަހު ބައްޕަގެ ކިބައިން ފަހުރުވެރިކަމާއި ޝަރަފް ލިބިގަތުމަށެވެ.

މި ސީރީޒްގައި އާންގްގެ ރޯލް ގޯޑަން ކޯމިއާ އަދާކުރާއިރު ކަޓާރާގެ ރޯލް ކިއަވެންތިއޯ ޓާބެލް، ސޮއްކާގެ ރޯލް އިޔާން އައުސްލީ، ޕްރިންސް ޒޫކޯގެ ރޯލް ޑެލާސް ލިއު، ޖެނެރަލް އީރޯގެ ރޯލް ޕޯސް ސަން-ހިޔުން ލީ އަދި ފަޔާ ލޯޑް އޮޒައިގެ ރޯލް ޑެނިއަލް ޑައި ކިމް އަދާކުރެ އެވެ.

"އެވެޓާ: ދަ ލާސްޓް އެއާބެންޑާ" ގެ ލައިވް އެކްޝަން ފިލްމެއް 2010 ގައި ރިލީޒްކޮށްފައިވެ އެވެ. ސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި 319.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މި ފިލްމަކީ ޕެރެމައުންޓް އަދި ނިކޮލޯޑިއަން އިން ޕްރޮޑިއުސްކޮށް އެމް ނައިޓް ޝާމަލާޔަން ޑައިރެކްޓްކުރި ފިލްމެކެވެ. ޓްރިލޮޖީއެއްގެ ގޮތުގައި ނެރެން އުޅުނު މި ފިލްމަށް ނެގެޓިވް ރިވިއުޒް ލިބުމާ ގުޅިގެން ބާކީ ދެ ފިލްމު ހެދުން ވަނީ ހުއްޓާލާފަ އެވެ.

މި ފިލްމަށް ލިބުނު ނެގެޓިވް ރިވިއުޒްގެ ތެރޭގައި އޮރިޖިނަލް ވާހަކަ އާއި ސޯސް މެޓީރިއަލްއާ ތަފާތުވުމާއި އެކްޓިން ކަމުނުދިއުމާއި މާބޮޑަށް ކަންކަން ކިޔާދިނުމާއި 3ޑީ އެފެކްޓްތައް ގަދަކަމުން ގެނެސްފައި ހުރިކަން ހިމެނެ އެވެ.