ދިރާގު

ދިރާގު ރޯޑް ރޭހުގެ ބައިވެރިންނަށް ހާއްސަ ރަނިން ކްލިނިކެއް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ މިއަހަރުގެ ކޯޗިން ޕާޓްނަރެއް ކަމަށްވާ އެލީޓް ރަނާސް މޯލްޑިވްސްއާ އެކު ދިރާގުން ހާއްސަ ދުވުމުގެ ކްލިނިކެއް ބާއްވަން ނިންމައިފި އެވެ.

ދިރާގު ރޯޑް ރޭހުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބައިވެރިންނަށް ހުޅުވާލައިގެން ކުރިއަށްދާ މި އިވެންޓް އޮންނަނީ މާދަމާ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކް ގައެވެ. އެގޮތުން

ދިރާގުން ބުނީ މި ކްލިނިކުން ކުރިއަށް އޮތް ދުވުމަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ އިރުޝާދުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ޑީއެމްއާރްއާރްގެ މިއަހަރުގެ މެޑިކަލް ޕާޓްނަރު -- ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހާއްސަ ސެގްމަންޓެއްވެސް މިހަރަކާތުގައި ކުރިއަށްދާނެއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު، ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސް ބައިވެރިންނަށް ކިޔައިދިނުމަށް ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ ރޯޑް ރޭހުގައި 4000 އަށް ވުރެ ގިނަ ބައިވެރިން ދުވާއިރު ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރަށްވެސް ދުވުންވެސް އޮންނާނެ އެވެ.

މި އަހަރުގެ ރޯޑް ރޭސް ކުރިއަށްދާނީ މިމަހުގެ 27 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. އަދި މިއީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.