ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ގޭމިން ފެސްޓިވަލް -- އުރީދޫ ނޭޝަން ގޭމާސް ލޭންޑް އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރުގައި ރޭ ފަށައިފި އެވެ.
ރަޖިސްޓްރީކޮށްފައިވާ 350 އަށް ވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްދާ މި ހަރަކާތުގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ، ކޮސްޕްލޭ، އެފްސީ24، ރޭސިން ސިމް އަދި ޓެކްކެން މުބާރާތް މި ހަފްތާ ބަންދު ތެރޭގައި ކުރިއަށްދާނެ އެވެ.
ގޭމާސް ލޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މި އިވެންޓްގެ ޝަރަފުވެރި މެހެމާނު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް އަހްމަދު ސައީދާއި، އުރީދޫ މޯލްޑިވްސްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ބައްސާމް އަލް މޮމާނީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.
މި ފެސްޓިވަލްގައި ބޭއްވޭ މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކުގެ އިތުރުން ހުރިހާ އުމުރުފުރައެއްގެ ގޭމަރުންނަށްވެސް މަޖާ އަދި ހިތްގައިމު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާ އެކު އުރީދޫ ނޭޝަން ގޭމާސް ލޭންޑް ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ހަރަކާތަށް ކަަމަށެވެ. ޕަބްޖީ މުބާރާތުގެ ފައިނަލް މެޗްތަކުން ވަނަ ހޯދާ ޓީމުތަކަށް ޖުމްލަ 89,000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާއިރު މުބާރާތުގެ އެހެން ޓޯނަމަންޓްތަކުން ވަނަ ހޯދާ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ބަހާލެވިފައިވަނީ ތިރީގައިވާ ގޮތަށެވެ.
- 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
- 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
- 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
- 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް
ގޭމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށްވުރެ ގޭމިން ފެސްޓިވަލެކެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިންގެ އިތުރުން ވީއާރް ގޭމިން ތަޖުރިބާކޮށްލާ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ކުޅުން ބަލާލާ ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އެވެ.
މި ހަފްތާ ބަންދު ތެރޭގައި ކުރިއަށްދާ މި މުބާރާތްތަކުގެ ތެރެއިން ކޮސްޕްލޭ ޗެލެންޖްގައި ބައިވެރި ފަރާތްތަކުގެ ކޮސްޓިއުމްތައް ދައްކާލައި، މާދަމާ ރޭ ގޭމާސް ލޭންޑްގައި ކުރިއަށްދާ ހުރިހާ މުބާރާތެއްގެ ވަނަތައް އިއުލާނުކޮށް އިނާމު ދިނުމަށް ހަމަޖެހިފައިވެ އެވެ.