ކްރިމިނަލް ކޯޓް

ކޯޓަށް ހާޒިރުކުރުމުން ވީހާވެސް ގިނަ ދުވަހަށް ބަންދުކޮށްދޭން އެދިއްޖެ

ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކުށަށް އިއުތިރާފުވެ ވީހާވެސް ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް މީހަކު އެދިއްޖެ އެވެ.

ޕާކެއްގެ ކައިރިން މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ދީފަ އެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

އޭނާ ބުނި ގޮތުގައި އޭނާއަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެކެވެ. މީގެ އިތުރުން ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ކުށްތައް ގިނަވުމުން އާއިލާއިންވެސް އޭނާ ބަލައިނުގަންނަ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މިއަހަރު އެކަނިވެސް އޭނާގެ ހައްޔަރު ރެކޯޑް ގިނަކަން ކްރިމިނަލް ކޯޓުން ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.