ޑރ. މުހައްމަދު މުއިއްޒު

ބޭސް ގަތުމުގެ އެއްބަސްވުމެއްގައި ސޮއި ނުކުރަން މުއިއްޒު އެދިވަޑައިގެންފި

ރާއްޖެއަށް ބޭނުންވާ ބޭސް ގަތުމަށް އެސްޓީއޯ އިން އިންޑިއާގެ ކުންފުންޏަކާ އެކު ސޮއިކުރަން ތައްޔާރުވަމުން ދަނިކޮށް އެކަން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވަނީ މިއަދު ނޫސްވެރިންނަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ފިރުޒުލް ވިދާޅުވީ އެސްޓީއޯ އިން އިންޑިއާގެ ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވަމުންދާކަން އެނގިވަޑައިގަތީ ޓްރާންސިޝަނަލް ކޮމިޓީއަކުން ކުރި މަސައްކަތުން ކަމަށެވެ.

މިމައުލޫމާތު ލިބިވަޑައިގަތުމާ އެކު މިވަގުތު އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ބަދަލުގައި އެކަން މަޑުޖައްސާލަ ދެއްވުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުން މިއީ ދިވެހިންގެ އަސާސީ ހިދުމަތަކާ ގުޅޭ މުހިއްމު ހައްސާސް ކަމަކަށްވާތީވެ މިމަރުހަލާގައި މިކަހަލަ މަސައްކަތެއް ބާރަށް ގެންދިއުމަކީ އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ފާހަގަކުރައްވައި އަދި ހަމައެހެންމެ މިމަރުހަލާއަށް އެމަސައްކަތް އެގޮތަށް ނުގެންގޮސް މަޑުޖައްސާލަ ދެއްވަން އެމަނިކުފާނު އެދިވަޑައިގަންނަވާ،" ސޮއިކުރުން މަޑުޖައްސާލުމަށް އެންގެވި ސަބަބު ބަޔާންކުރައްވަމުން ފިރުޒުލް ވިދާޅުވި އެވެ.

އެސްޓީއޯ އިން ސޮއިކުރަން އުޅުނު ކުންފުނީގެ އިތުރު އެއްވެސް މައުލޫމާތެއް ފިރުޒުލް ހާމަކުރައްވާފަ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ވަނީ ރާއްޖޭގެ ހޮސްޕިޓަލްތަކަށް މިއަހަރުގެ ފަހު ހަމަސް ދުވަހަށް ބޭނުންވާ ތަކެތި ގަތުމަށް އޯޑަރު ކުރައްވާފައި ނުވާތީ ހޮސްޕިޓަލްތައް ހުއްޓިދާނެ ކަމަށް ވިދާޅުވެ ކަންބޮޑުވުންވެސް ފާޅުކުރައްވާފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ހޮސްޕިޓަލް ހުއްޓިގެން ނުދާނެ ކަމަށް ބުނެފަ އެވެ.