ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލަތަކުގެ ތަހުގީގަށް ފުލުހުން އެފްއޭއެމްއަށް ވަދެ އެތަން ފާސްކުރަން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުންދަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެންގުމަކަށެވެ.
އެގޮތުން އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެފްއޭއެމްގެ ތަހުގީގާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ބުނީ އެފްއޭއެމަށް ކުރެވިފައިވާ ތުހުމަތުތައް ތަހުގީގު ކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އެންގުމަށް ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ރާއްޖެއަކީ ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވާއިރު އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް ލިބިފަ އޮތުމާއި އެކަންކަން އެ މަގަށް ހިންގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން ކަށަވަރުވެފަ އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާ ގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.
އެހެންކަމުން ރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ އެ ކަމަށް ރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް މަގުފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވާ ކަމެއް ކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން ގާނޫނު އަސާސީ އާއި ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނުގެ ދަށުން އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ އިތުރު ކުށުގެ ޢަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ހިޔާނާތާއި، މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ އެ ކަމެއް ތަހުގީގުކޮށް އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އަމުރުކޮށްފަ އެވެ.
އެފްއޭއެމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އެފްއޭއެމް އެކްސްކޯގެ ދެ މެންބަރަކު ވަނީ މިމަހު މަގާމުން އިސްތިއުފާ ދީފި އެވެ.
އެފްއޭއެމްގެ ހިންގުން ދޯދިޔާވެ މާލީ ބޮޑެތި މައްސަލަތަކެއް އެ އިދާރާއަށް ވަނީ ކުރިމަތިވެފަ އެވެ.