މަކުނުދޫ

ބާރުގަދަ ގޮވުމުގައި އިހްމާލެއް އޮތް ކަމަކަށް ނުބެލެވޭ: މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު މަރުވީ ބައެއްގެ އިހްމާލުން ކަމަށް އަދި މިހާތަނަށް ބުނެވެން ނެތް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މަކުނުދޫގައި އިއްޔެ ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ އެރަށު ނަރުދަމާގެ މަސައްކަތް ކުރުމަށް ގެންގޮސްފައިވާ ތަކެތި ހުރި ސައިޓެއްގެ ކައިރީ ގައެވެ. ގޮވާފައިވަނީ ގޭސް ސިލިންޑަރެއް ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއްޗެއް ގޮވައި ހިނގި ހިތާމަވެރި ހާދިސާއަކީ ބައެއްގެ އިހުމާލުން ހިގި ހާދިސާއެއް ކަމަށް ބުނެވެން ނެތީ އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ އަދި މުދާ ބަހައްޓަމުން ދިޔައީވެސް އެކަންކަން ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"ކަން ހިނގި ގޮތް ފުލުހުން އެދަނީ މިހާރު ތަހުގީގުކުރަމުން. އިތުރަށް އެއްޗެއް ބުނަން އެނގޭނީ ތަހުގީގަށްފަހު،" އައުޒަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިތައް އުފުލުމުގެ ތެރޭގައި ހިނގި ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަންކަންވެސް ސާފުކޮށް އެނގޭނީ ތަހުގީގަށް ފަހު ކަމަށް ވިދާޅުވި އެވެ.

އައުޒަމް ވެސް ވިދާޅުވީ މަކުނުދޫގައި ގޮވާފައިވަނީ ބާރުގަދަ ނުރައްކާތެރި ގޮވުމެއް ކަމަށާއި މިހާދިސާއާ އެކު ރައްޔިތުންގެ ފަރާތުން ހާސްކަމާއި ބިރުވެރިކަން ފެނުނު ނަމަވެސް މަރުވި ދެ މީހުން ގުނަވަންތައް ނަގައި އެ ސަރަހައްދު ސާފުކުރުމަށް ރައްޔިތުންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބުނު ކަމަށެވެ.

އައުޒަމް އިތުރަށް ވިދާޅުވީ މަކުނުދޫގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުން ދޭ ލަފައާއި އިރުޝާދާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.