މަކުނުދޫ

މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ވަގުތީގޮތުން މަޑުޖައްސާލައިފި

Oct 22, 2023

ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މިމަސައްކަތް މެދުކަނޑާލީ މަކުނުދޫގައި އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވެ ބައެއް ތަކެއްޗަށް ލިބުނު ގެއްލުންތައް ތަހުގީގުކުރަމުންދާތީ އެވެ.

މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވާ އިންޑިއާ ދެ މީހަކު މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނާއި ސިފައިންގެ ހާއްސަ ޓީމެއް ގެންދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

މަރުވި ދެ މީހުންނަކީވެސް މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ މުވައްޒަފުންނެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެރަށުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ތަހުގީގެއް ހިނގަމުންދާތީ މިވަގުތަށް ބިން ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުމަށް ކައުންސިލުން އަންގާފައިވާނެ ކަމަށެވެ.

"މިވަރުގެ ކަމެއް ހިނގައިދިޔައިރު މަރުވީ ބިދޭސީންގެ ބައެއް ކަމަށްވީ ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އިންސާނިއްޔަތު ކަމެއްވެސް ހުންނަންވާނެ. އެހެންވީމާ މިވަގުތަށް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ފިޒިކަލީ އެއްވެސް މަސައްކަތެއް ނުކުރާނެ،" އައުޒަމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ހުޅަނގަށް އަދި މުޅިން އެކަހެރިކޮށް އޮންނަ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިއަހަރުގެ ޖޫން 22 ވަނަ ދުވަހު ސަރުކާރުން ހަވާލުކޮށްފައިވަނީ ބިގްފިޝް މޯލްޑިވްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިމަސައްކަތް 16 މިލިއަން ޑޮލަރަށް ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ. ބިގްފިޝްއާ ހަވާލުކުރީ އެއާޕޯޓަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމަށާއި ހިއްކާ ސަރަހައްދުގައި -- 3،493 މީޓަރުގެ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށެވެ.