ފިނިޕޭޖް

ޓޭލާ ސްވިފްޓްގެ ފިލްމު އަދި ޓީވީ ރޯލްތައް

ޓޭލާ ސްވިފްޓްގެ "ޓޭލާ ސްވިފްޓް: ދި އޭރާސް ޓުއާ" ކޮންސެޓް ފިލްމު ކާމިޔާބުކަމާއެކު ސިނަމާތަކުގައި ދައްކަމުންދާއިރު ޓޭލާ، ފިލްމު އަދި ޓީވީ ސީރީޒްތަކުގައި އަދާކޮށްފައިވާ ރޯލްތަކަށް މިވަގުތު ބަލާލުން ރަނގަޅުވާނެ ކަމަށް ފެނެ އެވެ.

ހެނާ މޮންޓާނާ: ދަ މޫވީ (2009)

ޓޭލާ މައިލީ ސައިރަސްގެ "ހެނާ މޮންޓާނާ" ސީރީޒްއަށް ހެދި ފިލްމު "ހެނާ މޮންޓާނާ: ދަ މޫވީ"ގައި ކެމިއޯއެއް އަދާކުރި އެވެ. އެގޮތުން އެ ފިލްމަށް ޓޭލާ ލިޔުނު "ކްރޭޒިއާ" ލަވަ ޓޭލާ ފިލްމުގައި ކިޔާފައިވެ އެވެ.

ޖޯނަސް ބްރަދާސް 3ޑީ ކޮންސަޓް އެކްސްޕީރިއަންސް (2009)

ޓޭލާ ޖޯނަސް ބްރަދާސް 3ޑީ ކޮންސަޓް އެކްސްޕީރިއަންސް ގައި "ޝުޑް ހެވް ސެޑް ނޯ"ގެ ވާޝަންއެއް ކިޔާފައިވެއެވެ.

ސީއެސްއައި (2009)

ޓޭލާ އަކީ ކްރައިމް ސީން އިންވެސްޓިގޭޝަން "ސީއެސްއައި" ފަދަ ކްރައިމް ޝޯތަކަށް ވަރަށް ޝައުގުވެރިވާ ލަވަކިޔުންތެރިއެކެވެ. އަދި ޓޭލާގެ ހުވަފެނެއް ފުރިހަމަ ކުރުމުގެ ގޮތުން، "ސީއެސްއައި"ގެ ސީޒަން 9ގެ "ޓާން، ޓާން، ޓާން" އެޕިސޯޑްގައި ޓޭލާ އެކްޓްކޮށްފައިވެ އެވެ.

ވެލަންޓައިންސް ޑޭ (2010)

ފެބަރުއަރީ 24، 2010 އާ ދިމާކޮށް ރިލީޒްކުރި "ވެލަންޓައިންސް ޑޭ" އަކީ ލޯބީގެ ބައިވަރު ގުޅުންތަކަކަށް ތައްޔާރުކޮށް ގެނެސްދިން ފިލްމެކެވެ. މި ފިލްމުގައި ޓޭލާ އާއި އޭނާގެ އޭރުގެ ލޯބިވެރިޔާ ޓޭލާ ލޯޓްނާއާ އެކު ރޯލެއް އަދާކޮށްފައިވެ އެވެ. އަދި މި ފިލްމަށް "ޓުޑޭ ވޯޒް އަ ފެއަރީ ޓޭލް" ކިޔާފައިވެ އެވެ.

ދަ ލޮރެކްސް (2012)

2012 ގައި އެނިމޭޓަޑް ފިލްމް "ދަ ލޮރެކްސް"ގައި ޒެކް އެފްރޯން އަޑު އެޅި ލީޑް ފިރިހެން ކެރެކްޓާގެ ލޯބިވާ ކެރެކްޓާ އަށް އަޑު އަޅާފައިވެ އެވެ. މިއީ ޓޭލާ އެނިމޭޓަޑް ރޯލަކަށް އަޑު އެޅި ފުރަތަމަ ފަހަރެވެ.

ނިއު ގާލް (2013)

ޒޯއީ ޑެޝަނެލްގެ "ނިއު ގާލް" އަކީ ގިނަ ސެލެބްރިޓީ ކެމިއޯސްއަށް އެކުލެވިގެންވި ސީރީޒެކެވެ. މީގެތެރޭގައި ޓޭލާވެސް ހިމެނުނެވެ. ޓޭލާ ފެނުނީ ސީޒަން 2ގެ ފިނާލޭއިންނެވެ.

ދަ ގިވާ (2014)

ޓޭލާ 2014ގައި ފެނުނީ "ދަ ގިވާ"ގެ ކެމިއޯއަކުންނެވެ. ޓޭލާ އާންމުކޮށް ހުންނަ ގޮތާ ތަފާތުކުރުމަށްޓަކައި ޑައިރެކްޓާ ފިލިޕް ނޮއިސް ވަނީ މި ފިލްމުގައި ޓޭލާ، ގަދަ މުށިކުލައިގެ ވިގެއް ޖަހުވާފަ އެވެ. މިފިލްމުގައި ކުޑަ ނަމަވެސް ފާހަގަވާ ފަދަ އަސަރުގަދަ ރޯލެއް ޓޭލާ އަދާކޮށްފައިވެ އެވެ.

ކެޓްސް (2019)

ޓޭލާ އަކީ ބުޅާ ދެކެ ވަރަށް ލޯބިވާ މީހެކެވެ. އެގޮތުން ޓޭލާ ތިން ބުޅާވެސް ގެންގުޅެ އެވެ. އެހެންކަމުން އެންޑްރޫ ލޮއިޑް ވެބާގެ "ކެޓްސް" މިއުޒިކަލް އަށް ހެދި މިއުޒިކަލް ފިލްމު އެޑެޕްޓޭޝަންގައި ޓޭލާ ރޯލެއް އަދާކުރުމަކީ ހައިރާންވާނެ ކަމެއް ނޫނެވެ. ޓޭލާ މި ފިލްމުގައި އަދާކުރީ ބޮމްބަލުރީނާ ކިޔާ ބުޅަލެއްގެ ކުޑަ ރޯލެކެވެ. އަދި މި ފިލްމަށް "ބިއުޓިފުލް ގޯސްޓްސް" ކޯ-ރައިޓް ކޮށްފައިވެ އެވެ.

އޭމްސްޓަޑަމް (2022)

މިދިޔަ އަހަރު ރިލީޒްކުރި ކްރިސްޓިއަން ބޭލް، ޖޯން ޑޭވިޑް ވޮޝިންޓަން އަދި މާގޯ ރޮބީގެ ފިލްމް "އޭމްސްޓަޑަމް"ގައި ޓޭލާ ކެމިއޯއެއް އަދާކޮށްފައިވެ އެވެ.

ޓޭލާ ސްވިފްޓް ދަ އެރާސް ޓުއާ (2023)

މިމަހު ރިލީޒްކުރި ޓޭލާގެ "ދަ އެރާސް ޓުއާ" ކޮންސަޓް ފިލްމު ކާމިޔާބުކަމާއެކު ސިނަމާތަކުގައި ހިނގަމުން އެބަދެއެވެ. މި ފިލްމަކީ ޓޭލާގެ ރިކޯޑްތައް މުގުރަމުންދާ އެރާސް ޓުއާއާ ކޮންސަޓްތަކާ ގުޅޭ ފިލްމެކެވެ. މި ފިލްމް ރިލީޒްކުރުމުގެ ކުރިން ޓިކެޓް ސޭލް 100 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ.