މަކުނުދޫ

މަކުނުދޫގައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް މާލެ ގެންނަނީ

ހދ. މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި ދެ ބިދޭސީންގެ ހަށިގަނޑުގެ ބައިތައް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

މަކުނުދޫ އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި މަރުވީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއީ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

މަރުވި ދެ މީހުންނަކީ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެރަށަށް ގޮސް ތިބި ދެ މީހުންނެވެ.

ފުލުހުން ބުނީ މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ތަހުލީލް ކުރުމަށް ބޭނުންވާތީ މާލެއަށް ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވި ދެ މީހުންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާލުމަށް ވަނީ ނިންމާފަ އެވެ.

ބާރުގަދަ ގޮވުމާ އެކު މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވަކިވެ އެކި ދިމަދިމާލަށް ބުރައިގެން ގޮސްފަ އެވެ.

މަކުނުދޫ އިން އަވަަސް އަށް މައުލޫމާތު ދިން މީހަކު ބުނީ ބަނދަރު ސަރަހައްދުގައި ގޮވި މި ގޮވުމުގެ އަޑު ވަރަށް ދުރަށް ހުރި ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގައި އަޅާފައިވާ ބައެއް ދޯނިތަކާއި އެއްގަމުގައި ޕާކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށްވެސް ގެއްލުން ލިބުނު ކަމަށް ބުންޏެވެ.