މަކުނުދޫ

މަކުނުދޫގައި މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އިންޑިއާއަށް ފޮނުވައިފި

ހދ. މަކުނުދޫގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި ދެ ބިދޭސީންގެ ހަށިގަނޑުގެ ބައިތައް އިންޑިއާ އަށް ފޮނުވައިފި އެވެ.

މަކުނުދޫ އިއްޔެ ގޭސް ސިލިންޑަރެއް ގޮވައި މަރުވީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއީ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

މި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް އިންޑިއާ އަށް ފޮނުވާލީ ހަށިގަނޑުގެ ބައިތައް ތަހުލީލް ކުރުމަށް މާލެ ގެނައުމަށްފަހު އެވެ.

ދިވެހި ފުލުހުން މިއަދު ބުނީ މަރުވި ދެ މީހުންގެ ހަށިގަނޑުތައް އިންޑިއާއަށް ފޮނުވާލީ އާއިލާ އިން އެކަމަށް އެދިފައިވާތީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

މަރުވި ދެ މީހުންނަކީ މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެރަށަށް ގޮސް ތިބި ދެ މީހުންނެވެ.

ބާރުގަދަ ގޮވުމާ އެކު މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަނީ ވަކިވަކިވެ އެކި ދިމަދިމާލަށް އަދި ވަރަށް ދުރަށް ބުރައިގެން ގޮސްފަ އެވެ.

މަކުނުދޫ އިން އަވަަސް އަށް މައުލޫމާތު ދިން މީހަކު ބުނީ ބަނދަރު ސަރަހައްދުގައި ގޮވި މި ގޮވުމުގެ އަޑު ވަރަށް ދުރަށް ހުރި ކަމަށެވެ. އަދި ބަނދަރު ސަރަހައްދުގައި އަޅާފައިވާ ބައެއް ދޯނިތަކާއި އެއްގަމުގައި ޕާކްކޮށްފައި ހުރި ބައެއް ވެހިކަލްތަކަށްވެސް ގެއްލުން ލިބުނު ކަމަށް ބުންޏެވެ.