ފިނިޕޭޖް

އައި ފިލްމްސްގެ ތިންވަނަ ފިލްމަކީ "ކަންބަޅި"

ރީތި ފިލްމުތަކެއް އުފައްދަމުންދާ އައި ފިލްމްސްގެ ތިންވަނަ ފިލްމުގެ ނަމަކަށް "ކަންބަޅި" ކިޔައި ފިލްމުގެ މަސައްކަތް އިއުލާންކޮށްފި އެވެ.

މި ފިލްމަކީ އައި ފިލްމްސްގެ ފިލްމުތަކުގެ ފަހަތުގައި ހުރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ސްކްރީންޕްލޭ އަކަށް ހަދަމުންދާ ފިލްމެކެވެ.

އައި ފިލްމްސް މިހާތަނަށް ވަނީ ކާމިޔާބު ދެ ފިލްމެއް ނެރެފަ އެވެ. އެއީ "ނީނާ" އާއި "ބަވަތި" އެވެ.

ކަންބަޅި ޑައިރެކްޓް ކުރަން ނިންމާފައިވަނީ އިއްލެ އާއި ބަވަތި ފިލްމުގައި ލީޑް ރޯލެއް އަދާކޮށްފައިވާ އިފްނާޒް ފިރާގު ގުޅިގެންނެވެ.

"ކަންބަޅީ"ގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ ވާޝިޔާ މުހައްމަދު، ޝަރަފް އަބްދުﷲ، އިފްނާޒް ފިރާގު، ތާތި އާދަމް، ނުޒުހަތު ޝުއައިބް (ނުޒޫ)، އަލީ ނަދީމު އަދި އިޝްފާން ހިމެނެ އެވެ.

އިއްލެ ޑައިރެކްޓްކޮށްފައިވާ ފިލްމެއް ކަމަށްވާ "ފްރީ ޑެލިވަރީ"ވެސް މިހާރު އޮތީ އޮލިމްޕަހުގައި ޕްރިމިއަ ކުރަން ތައްޔާރުވެފަ އެވެ. އެގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މި ފިލްމު ޕްރިމިއާ ކުރާނެ އެވެ.