ވާހަކަ

އަދުވީ ރޯށޭ

( 19 އޮކްޓޯބަރ 2023 އާ ގުޅޭ )

ދުނިޔެވީ ކަމަކާ އުޅޭނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އަރަޝްގެ ޚިޔާލުތަކުން އަހަރެން ވަނީ ބަލިކޮށްލާފަ އެވެ. އެ ޚިޔާލުތަކާއި ދުރަށް ދާން އަލުން ކިޔަވަން ފެށުން ރަނގަޅު ނިންމުމަކަށް ވާނޭ ހެއްޔެވެ. ކުލާސްރޫމަކަށް ވަދެފިނަމަ އެންމެ ފުރަތަމަ ހަނދާންވާނެ ސޫރައަކަށް ވާނީ އަރަޝްކަން ގައިމެވެ. އެހާލުގައި އަހަރެންނަށް އިތުރަށް ކިޔެވިދާނެބާ އެވެ.

ދެ އަތް އުރާލައިގެން ހުރެ މައިންބަފައިންގެ ތައްޕާހުން އުމުރު ހުސްކޮށްލަން އުޅޭ ދަރިއެއްގެ ލަގަބު ލިބޭކަށް އަހަރެން ނޭދެމެވެ. އެހެންވިޔަސް ސުކޫލު ނިމުމާއެކު އަހަރެންގެ އުޅުން ހުރީ އެފަދައިންކަން އެނގެއެވެ. އެގޮތް ބަދަލުކުރާން ވެއްޖެކަން ވެސް އެނގެއެވެ. މައިންބަފައިންގެ ހުށަހެޅުމާމެދު އަހަރެން ވަރަށް ވިސްނީމެވެ. މަތީ ތަޢުލީމު ހާޞިލު ކުރުމަށް ލިބުނު ފުރުޞަތަކީ އަހަރެންގެ ދިރިއުޅުމަށް ބޭނުންވާ ރަނގަޅު ބަދަލަކަށް ވެދާނޭ ހިތަށް އެރިއެވެ. އެހެންވެ މަންމަމެން އެދޭ ގޮތަށް އިތުރަށް ކިޔަވަން އަހަރެން އެއްބަސްވީމެވެ. އެއީ ރާއްޖޭން ބޭރުން ވިޔަސް އަދި ރާއްޖޭގައި ހުރެގެން ވިޔަސް އެންމެ ރަނގަޅެވެ. އެ ނިންމުން އަހަރެން ދޫކޮށްލީ މަންމަމެންގެ އަތް މައްޗަށެވެ. އަހަރެންގެ އުމުރު ހުސްވިޔަސް މައިންބަފައިން އަހަރެންނަށް ކޮށްދިން ކަންތައްތަކުގެ ބަދަލު ނުދެވޭނެއެވެ. އަހަރެންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަހަރެން ކިޔަވަންދާން ނިންމީ އެމީހުންގެ އުފަލަށް ޓަކައެވެ. އެކަމުން މަންފާކުރާނީ ޚުދު އަހަރެންގެ އަމިއްލަ މުސްތަޤުބަލަށްކަން އެނގެއެވެ. އެހެންވިޔަސް އަމިއްލަ ނަފްސަށް ކުރާ ކަމަކަށްވުރެ މަންމައާއި ބައްޕައަށް ޓަކައި ކޮށްދޭކަމެއްގައި އަހަރެންނަށް ހިތްވަރުލާން މަޖުބޫރުވާނެއެވެ. ވީއިރު އަހަރެންނަށް ކިޔެވުމުގެ އެންމެ ފަހު ހަރުފަތާ ހަމައަށް ގޮސް އެކީ ކިޔެވުން ނިންމާލުން ފަސޭހަވެގެންދާނެއެވެ.

ކަންކަން ހަމަޖެހިގެން އައީ ކިހިނެއްކަމެއް އަހަރެން ނުބަލަމެވެ. ދީނާގެ މަންމަ، އަހަރެންގެ ބޮޑުދައިތަ ވެސް އިނީ އެކަމާ ނިކަން ރުހިގެންނެވެ. ދީނާ އެކަނި ފޮނުވުމަށްވުރެ އަހަރެން ވެސް ދާތީ އެކަމާ ހިތްހަމަޖެހިފައެވެ. މަންމަމެން ލަފާ ދިނީ އަހަރެން ވެސް ދީނާއާ އެއް ޔުނިވަރސިޓީއަކުން ކިޔެވުމަށެވެ. އެހެންވެ އަހަރެން ޚިޔާރު ކުރީ އެ ޔުނިވަރސިޓީގައި ކުރިޔަށްގެންދާ ކޯހެކެވެ. އަހަރެންނަށް ޖާގަ ލިބުނީ ދީނާ ފުރައިގެންދިޔަތާ ހަތަރު މަސް ފަހުންނެވެ. އެއީ ދެވަނަ ސެމެސްޓަރާ ދިމާކޮށެވެ.

އޮސްޓްރޭލިއާގެ މެލްބަންއަށް އަހަރެންނާއެކީ މަންމައާއި ބައްޕަ ވެސް އައެވެ. މެލްބަން ޔުނިވަރސިޓީއިން ތަޢުލީމު ހާޞިލު ކުރުމަކީ ދީނާގެ ހުވަފެނެކެވެ. އަހަރެންނަށް އެއިން އެއްވެސް ކަމެއް ޚާއްޞައެއް ނޫނެވެ. އެހެންނޫނަސް އަހަރެން ދުށް ހުވަފެންތައް ގުޅިފައިވީ އަރަޝްއާއެވެ. ހަޔާތުގައި އޭނާއެއް ނެތެވެ. އޭރު ދުށް ހުވަފެންތައް ދުވަހަކުވެސް ހާސިލެއްނުވާނެކަން އެނގެއެވެ.

ޔުނިވަރސިޓީއާ ކައިރިން އަހަރެމެންގެ ހުރުން ހަމަޖައްސަން ދެ މީހުންގެ ޢާއިލާއިން ވެސް ބޭނުންވިއެވެ. ކުޑަކުޑަ އެޕާޓްމެންޓެއްގެ އަގު ވެސް އެހާ ފަލައެވެ. ނަސީބަކުން އަހަރެން ދާންވީއިރު ދީނާގެ ޢާއިލާއިން ވަނީ އަހަރެމެން ތިބޭން އެޕާޓްމެންޓެއް ހިފައިފައެވެ. ޔުނިވަރސިޓީއާ އެހާ ކައިރިއެއް ނޫނެވެ. ދެ ކޮޓަރިއާއި އެއް ފާޚާނައިގެ އިތުރުން ކުޑަ ބަދިގެކޮޅެކެވެ. އަދި އެ ދިމާއިން ނުކުމެވޭނެ ބެލްކަނިކޮޅެއް ވެސް ހުއްޓެވެ. ކޮޓަރީގައި ހެދުން އަޅުވާ އަލަމާރިއެއް ހަދާފައި ހުއްޓެވެ. އާދައިގެ އެނދަކާއި ކިޔަވާ މޭޒެއް ބެހެއްޓުމުން ގާތްގަނޑަށް ކޮޓަރިތެރެ ފުރުނީއެވެ. އެހެންވިޔަސް ކިޔަވާ ކުދިބަޔަކަށް އެވަރު ރަނގަޅުކަން އަހަރެން ވެސް ޤަބޫލު ކުރަމެވެ.

ފުރަތަމަ ޔުނިވަރސިޓީއަށް ދިޔަ ދުވަހު ކެމްޕަސް ތެރޭ އަހަރެން ނުގެއްލުނީ ކިރިޔާއެވެ. އެހާ ވެސް ބޮޑެވެ. ދީނާއާއި އޭނާގެ ކުލާސްކުއްޖަކާ ވެގެން އަހަރެންނަށް މުހިންމު ހުރިހާ ކަމެއް ކިޔާދިނެވެ. އަލަށް އަންނަ ދަރިވަރުންނަށް މަގު ދައްކައި ދިނުމަށް އެކި ދިމާގައި ކެމްޕަސް ތެރޭ ދަތުރުކުރާނޭ ގޮތް އަންގައިދޭ ޗާޓުތައް ހުއްޓެވެ. ނުވީތާކަށް އަހަރެންގެ ފޯނަށް އެޕެއް ވެސް އެމީހުން އަޅައިދިނެވެ. ދާންވީދިމާ ނޭނގިއްޖެނަމަ އެ އެޕުގެ އެހީ ހޯދުމަށެވެ. ކިޔެވުން ފެށުނީ އަހަރެން އެކޮޅަށް ބަދަލުވިތާ ދެވަނަ ހަފްތާގައެވެ. އަހަރެންނާއި ދީނާ ކިޔަވަނީ ދެ އިމާރާތެއްގައި ވިޔަސް ދާން އޮންނަނީ އެއް ގަޑިއަކަށެވެ. އެހެންވެ އަހަރެމެން ދަނީ އެކީގައެވެ. ގެއިން ނުކުމެގެން ތިރީހަކަށް މިނެޓުން އަހަރެމެންނަށް އެންމެ ކައިރީގައި ހުންނަ މެޓްރޯ ސްޓޭޝަނަށް ދެވެއެވެ. ރޭލުގައި ވަކި ހިސާބަކަށް އަހަރެމެން ދަތުރު ކުރުމަށްފަހު ހިނގާފައި ފަނަވަރަކަށް މިނެޓުން ޔުނިވަރސިޓީއަށް ފޯރައެވެ. ހަވީރާ ގާތްކުރަންދެން އަހަރެމެންގެ ދިރިއުޅުން އޮންނަނީ ޔުނިވަރސިޓީގެ ކެމްޕަސް ތެރޭގައެވެ. އެތަނުގައި ހުންނަ ކޮފީޝޮޕުން ކޮފީއެއް ބޯލައިގެން ޔޫނިއަންގެ ކެފްޓީރިއާއިން މެންދުރުގެ ކެއުން ކާލައިގެންނެވެ. ބައެއް ދުވަސް ދުވަހު އަހަރެންގެ ކުލާސްތައް ދީނާއަށްވުރެ އަވަހަށް ނިމެއެވެ. އެ ދުވަސްތަކުގައި އޭނާ ނިމެންދެން އަހަރެންގެ ވަގުތު ހޭދަކުރާ ތަނަކީ ލައިބްރަރީއެވެ. އެތާކައިރީ ހައްދާފައި އޮންނަ ބޮޑެތި ބިޔަ ގަސްތަކުން މުޅި ސަރަޙައްދަށް އޮންނަނީ ހިޔާ އެޅިފައެވެ. އެތަނުގައި ހުންނަ ބެންޗުތަކުގައި ވެސް ބައެއް ދުވަސްދުވަހު އަހަރެން އިންނަމެވެ.

ކުލާސްތަކަށް ރަނގަޅަށް ހޭނުނުއިރު "ކްރިސްމަސް ބްރޭކް" އަތުވެއްޖެއެވެ. އެ ޗުއްޓީގައި ރައްޓެހިންނާއެކު މަޖާކޮށްލަން ބޭނުންވެ ދީނާ ނިންމީ މާލެ ނުދާށެވެ. އޭނާގެ އެ ގުރޫޕުގައި އަހަރެން ވެސް ބައިވެރި ކުރުވިއެވެ. ދީނާ އުޅޭ ގޮތެއް އަހަރެން ނުބަލަމެވެ. އަދި އޭނާގެ އެއްވެސް ކަމަކާ އަހަރެން ނުބެހެމެވެ. އެހެންވިޔަސް އަހަރެން މާލެ ގޮސްފައި ދީނާ ނުގޮސްފިނަމަ އެކަން މައްސަލައަކަށްވާނޭކަން އެނގެއެވެ. މެލްބަންގައި މޫސުމާމެދު އެއްވެސް ގެރެންޓީއެއް ނޯވެއެވެ. ބޭރަށް ނުކުންނަނަމަ އަބަދުވެސް ކުޑައެއް ގެންގުޅެނީ އެހެންވެއެވެ. ދީނާއާއި އޭނާގެ ރައްޓެހިންނާއެކީ އަހަރެމެން ނުކުތީ "ކްރިސްމަސް"އަށް ސިޓީތެރެ ތައްޔާރުކޮށްފައިވާ މަންޒަރު ބެލުމަށެވެ. ނަމަވެސް ވާރޭ އޮއްސާލުމާއެކު އަހަރެމެން އެންމެން އެއްބަސްކިޔާ ކާން ދިޔައީއެވެ. އަހަރެންނާއެކީ ގުރޫޕުގައި ތިބީ ފަސް މީހުންނެވެ. އަންހެންކުދީންނަށް ތިބީ އަހަރެންނާއި ދީނާގެ އިތުރުން ޕާކިސްތާނު އަންހެންކުއްޖެކެވެ. ދެންތިބީ އޮސްޓްރޭލިއާއަށް އުފަން އެތަނުގައި ދިރިއުޅޭ ދެ ފިރިހެން ކުދީންނެވެ. ޖޯޑު ހަމަކޮށް ތިބިއިރު އިތުރުވެގެން އުޅެނީ ޚުދު އަހަރެންކަން ދެނަހުރީމެވެ. އަހަރެންމެންވަނީ ފިރިހެންކުދީން ޚިޔާރުކުރި ރެސްޓޯރެންޓަކަށެވެ. އެމީހުންވަނީ އެތަނުގެ ކާއެއްޗެހީގެ ރަހަތައް ބަލާފައެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ހުރި ތަނެކެވެ. ހުސްކޮށް ހުރި މޭޒެއް ލިބުނީ އިރުކޮޅަކު މަޑުކޮށްލައިގެންނެވެ.

"ލިވް... ކިހިނެއްވީ." މޭޒުދޮށުގައި އިނދެފައި އަހަރެން ކުއްލިއަކަށް ތެދުވުމުން ދީނާ އަހާލީ އިނގިރޭސި ބަހުންނެވެ. ދެންތިބި އެންމެންގެ ނަޒަރު ވެސް ހުރީ އަހަރެންނަށް އަމާޒުވެފައެވެ.

ރެސްޓޯރެންޓް ތެރޭ މީހުން ވަރަށް ގިނައެވެ. "ޓޭކްއަވޭ" ނަގަން އައިސް ތިބި މީހުން ވެސް ކައުންޓަރު ދޮށުގައިވަނީ ތޮއްޖެހިފައެވެ. އެހާ މީހުން ގިނަވެގެން އުޅެނީ ޗުއްޓީއަކަށްވީމާކަން އަހަރެމެންނަށް ވެސް އެނގެއެވެ. ކައިނިމޭ ގޮތަށް އަވަހަށް ނުކުންނަން ރެސްޓޯރެންޓުގެ ވެއިޓަރުން އެދެއެވެ. އެހެންވެ އަބަދުވެސް ކޮންމެވެސް ބަޔަކު ވަދެނުކުމެވެއެވެ. އަހަރެމެން ތިބި މޭޒު ކައިރިން އަހަރެންގެ ފުރަގަހުންލާފައި ދިޔައީ ފިރިހެނުންގެ ގުރޫޕެކެވެ. އެހާ މީހުން ގިނައިރު އެއީ ކޮންބައެއްތޯ ނުބަލަމެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލީ "އަރަޝް"ގެ ނަމެވެ. އެ ނަމުން މީހަކު ގޮވާލުމާއެކު ވާހަކަދެއްކިއެވެ. އެހިނދު އެ މީހާ ފަދައިން އިނގިރޭސި ބަހުން އޭނާއަށް ރައްދުދިން އަޑު އިވުނެވެ. އެވަގުތު އެ މީހާ ދެއްކީ އަރަޝްގެ ވޮލެޓުގައި އިން ފޮޓޯއެއްގެ ވާހަކައެކެވެ. އޭނާއަށް ރައްދުން އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ހީވީ އަރަޝްގެ އަޑު ނުހަނު ގާތުން އިވުނު ހެންނެވެ. އަހަރެންގެ ހިތް ތެޅިފޮޅިގަތީ ތިޔަހެނެއް ބަލާފައެއް ނޫނެވެ. ބަޔަކު ތިބުމުން ގޮނޑި ދުރަށް ޖައްސާނުލެވިފައި އިނދެފައި އަހަރެން "އެކްސްކިއުޒް މީ"އޭ ބުނެލީ ފުރުޞަތު ގެއްލެމުންދާތީއެވެ. އަހަރެންނަށް އިވުނީ ހަމަ އަރަޝްގެ އަޑުކަން ޔަގީންކުރާން ބޭނުންވީއެވެ. ގޮނޑިކައިރީ ހުރި މީހާ ދުރަށް ޖެހިލި ހިނދު އަހަރެން ކައްޓެއްހެން ތެދުވީމެވެ. ދީނާ ވާހަކަދެއްކީމާ އޭނާއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އަހަރެން އެބަ އަންނަމޭ ބުނެ ހަލުވިކޮށް ހިނގައިގަތީ ރެސްޓޯރެންޓުން ބޭރަށެވެ.

މީހުންގަނޑުގެ ތެރެއިން އަހަރެން އަރަޝް ހޯދަން ފެށީމެވެ. އެކަނިމާއެކަނި އެހާ ދުރަށްދާކަށް ނުކެރުނެވެ. ފިރިހެނަކު ހުރި ދިމާއެއްނަމަ އެ ދިމާއަކަށް އަހަރެން ކަޅިއުކީމެވެ. އަރަޝްއެއް ނުފެނުނެވެ. އަހަރެންނަށް ހީވި ގޮތެއްބާއޭ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އެއް ނަމެއް ކިޔާ އެތައް ބަޔަކު އުޅޭއިރު އަޑު އެއްވައްތަރު މީހުން ވެސް އުޅޭނެތާއޭ އަހަރެންނާއި ސިކުނޑި ހިތަށް ވިސްނައިދޭން އުޅުނެވެ. އަރަޝް މިހިސާބަކަށް ނާންނާނޭ ހިތަށް އެރީ އޭނާގެ ޢާއިލާ އުޅެނީ ސިންގަޕޫރުގައިކަން އެނގޭތީއެވެ. އެހެންވިޔަސް އަހަރެންގެ ޠަބީޢަތް ގޯސްވިއެވެ. އަރަޝްގެ އަޑު އިވިލިހެން ހީވެ އަހަރެންނަށް ވީވަރު ނިކަން ދެކެބަލާށެވެ. ވީއިރު ދުވަހަކުވެސް އަހަރެންނަށް އަރަޝްއާ ދުރަށް ދެވިދާނެ ހެއްޔެވެ. އެރޭ އަނެއްކާ ވެސް އަހަރެންގެ ދެ ލޮލުން ނިދި ފިލާ ދިޔައެވެ. ކަރުނުން ދެ ލޯ ތެތްމާލިއެވެ. ދުލުން ބަޔާންކުރާން ނޭނގޭ ވޭނީ ހިތްދަތިކަމެއްގައި އަހަރެންވީމެވެ. ފަސްލަމުން އައި އަރަޝްގެ ހަނދާންތައް ބޮނޑިވެގަތީ ކުއްލިއަކަށެވެ. އޭނާގެ ކޮންމެ ބީހިލުމެއްގެ އަސަރު އަހަރެންގެ ހަށިގަނޑުން އަދިވެސް ނުފިލާ ވާ ކަހަލައެވެ. ގިސްލުމުގެތެރޭގައި ވަނިކޮށް އަހަރެންގެ ނަފްސުގެ މައްޗަށް އެރޭ ނިދި ކުރި ހޯދީ ކޮންއިރަކުކަމެއް ނޭނގެއެވެ.

އާ އަހަރުގެ ކިޔެވުން ފެށިއްޖެއެވެ. ކިޔަވަންފެށިފަހުން އާ ރައްޓެހިން ލިބުނެވެ. އެކި ގައުމުތަކުގެ ކުދީންނެވެ. އެހެންވިޔަސް ގާތް ރަޙުމަތްތެރިކަމެއް އެކަކާ ވެސް ނުބާއްވަމެވެ. އުމުރުން ތޭވީސް އަހަރު ވެފައިވާއިރު އަހަރެންގެ ފުރާވަރުގައި ހުރި ރީތިކަން އިތުރަށް ފުރިހަމަވެފައި ވިއެވެ. ހަށިގަނޑުގެ ބައްޓަން ޗާލުވެފައި ވަނާތަކުގެ ބަނޑިތައް މިހާރު ވަކިން ހިތްގައިމެވެ. ރީތި ޒުވާން ފިރިހެންކުދިންގެ ފަރާތުން ލޯބީގެ ހުށަހެޅުންތައް ލިބެމުންދިޔައެވެ. ނަމަވެސް މި ހިތަކުން އަރަޝްގެ ލޯތްބެއް ނުފޮހެވުނެވެ. އެކުގައި ހޭދަކުރި އުފާވެރި ވަގުތުތައް އިއްޔެވީކަމެއްހެން އަހަރެންގެ ހިތާ ސިކުނޑީގައިވަނީ ދާއިމަށް ބިންވަޅުނެގިފައެވެ. އެ ހަނދާންތައް ފުހެނުލެވޭނެކަން އަހަރެންނަށް މިހާރު ޔަގީންވެއެވެ. އަރަޝްނޫން މީހަކުދެކެ އަހަރެންނަށް ލޯބިވެވުމަކީ ވުމަށްވުރެ ނުވާނެކަމެއްކަން އަމިއްލަ ނަފްސަށް އެނގެއެވެ. ލޯބީގައި ވަގުތު ބޭކާރު ކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންވެ އަހަރެންގެ ހުރިހާ ވަގުތެއް ހުސްކޮށްލެވިފައި އޮތީ ކިޔެވުމަށެވެ. ފިރިހެނުންނަށް އެއްވެސް ޝައުގުވެރިކަމެއް ނުހުރެއެވެ. އެމީހުންނަށް ބަލާލާ ހިތްވެސް ނުވަނީއެވެ. ލިބޭ ހުށަހެޅުންތަކަށް ނޫނެކޭ ބުނާތީ އަހަރެން ރީތިކަން ފެނިފައި ހުންނަ ބޮޑާ އަންހެންކުއްޖެއްގެ ގޮތުގައި ބައެއް ފިރިހެންކުދީން ދެކެންފެށިއެވެ. މަޑުމަޑުން ޔުނިވަރސިޓީގައި އެކުގައި ކިޔަވާ ފިރިހެން ކުދިން އަހަންނާމެދު ދެކޭގޮތް ބަދަލުވެގެން ދިޔައެވެ. އަހަންނަށް ކަމުދަނީ އަންހެނުންކަމުގައި އެތަނުން ބައެއް ކުދީން އަޑު އަރުވާންފެށިއެވެ. ފިރިހެނަކާމެދު އަހަރެންގެ ޝައުގެއްނެތްތަނުގައި އެމީހުންނަށް އަހަރެން ނުބަލަނީ އެހެންވެކަމެވެ. އެ ލޭބަލް އަޅުވައި ދިމާކުރާނޭ ބަޔަކު އުފެދުނެވެ. އެމީހުން ކިޔާހާ އެއްޗަކަށް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ.

އަހަރަކު ދެ ސެމެސްޓަރު އޮންނައިރު ދެވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރ ނިމުނުއިރު ދިމާކުރުންތައް ހުއްޓިއްޖެއެވެ. އެމީހުންގެ ރާޑަރަށް އެހެން އަންހެންކުއްޖަކު އެރީއެވެ. ބޮލަށް ފަސޭހަވިއެވެ. އަހަރެން ބޭނުންވާ އެކަހެރިކަމާއި މިނިވަންކަން ލިބިގެންދިޔައެވެ. ދެވަނަ ސެމެސްޓަރު ފަށަންވާއިރަށް ލިބުނު ޗުއްޓީގައި އަހަރެންނާއި ދީނާ އައީ މާލެއެވެ. އެކަމަކު އަލުން އެނބުރި ފުރަންވަންދެން އަހަރެންނަށް އުޅެން ޖެހުނީ ބަލިވެއެވެ. ފާޑެއްގެ ހުމެއް އަންނާތީއެވެ. ޑަކްޓަރަށް ދައްކައިގެން މައްސަލައެއް ހުރިކަމަކަށް ނުފެނެއެވެ. އަހަރެން އެނބުރި އޮސްޓްރޭލިއާއަށް އައިއިރު ވެސް މުޅިން ރަނގަޅެއް ނުވެއެވެ. ހުންނެތިއްޔާ ރޯގާގެ އަސަރު ފެނެއެވެ. ނަސީބަކުން ކިޔެވުން ފެށެންވީ އިރަށް އަހަރެން ރަނގަޅުވެއްޖެއެވެ.

ކުލާސްރޫމުގައި ދަންނަ ކުދީންނާ އެއްވަރަށް އާ މޫނުތައް ވެސް ތިއްބެވެ. މޮޑިއުލް ނަގައިދޭން އަންނާނީ ކޮން ކަހަލަ ލެކްޗަރާއެއްކަމެއް ނޭނގެއެވެ. އެންމެން ވެސް ބޭނުމީ ކުރާންޖެހޭ މަސައްކަތްތައް ލުއިކޮށްދޭނެ ކަހަލަ ލެކްޗަރާއެކެވެ. ގަޑިފެށެންވީއިރު ގޮނޑިތަކުގައި އެންމެން އިށީނދެ ހަމަޖެހިއްޖެއެވެ. އެހެންވިޔަސް އެ ބޮޑު ކުލާސްރޫމެކޭ މާރުކޭޓެކޭ ތަފާތެއް ނެތެވެ. ވާހަކަދައްކާ އަޑުތަކާއި ހިނިގަނޑު ޖަހާލާ އަޑު އިވެމުންދިޔައެވެ. އެ ސެމެސްޓަރުގައި ކިޔަވާނެ މޮޑިއުލްތަކުގެ ތަފްސީލު ބަލަން އަހަރެން އިނީ ފޯނަށް ގެއްލިފައެވެ.

"އަންހެނެއްނޫން ފިރިހެނެއް." އަހަރެންގެ އަތުގައި ކޮއްޓާލަމުން އިނގިރޭސި ބަހުން ޖޭމީ ބުނެލިއެވެ. އޭނާއަކީ ކޯސްފެށީއްސުރެ އަހަރެންނާ އެންމެ ކައިރީގައި އިންނަ އެންމެ ގިނައިން އެކީގައި އުޅެވޭ ރަޙުމަތްތެރިޔާއެވެ. ޖޭމީއަކީ މެލޭޝިއާ ކުއްޖެކެވެ. އަހަރެން ބޭނުންވާ ގޮތަށް އޭނާއަކީ ވެސް ހަމައެކަނި ކިޔެވުމަށް ސަމާލުކަން ހުއްޓާލައިގެން އުޅޭ އަންހެން ކުއްޖެކެވެ. ބޭކާރު ކަންކަމުގައި ވަގުތު ހޭދަކުރާތީ ނުފެންނާނެއެވެ.

ޖޭމީގެ ބަސްތައް އިޝާރާތްކުރީ ކޮންކަމަކަށްކަން އަހަރެންނަށް އެނގުނެވެ. އެހެންވެ ފޯނުން ނަޒަރު ވަކިކޮށްލައި އިސްއުފުލައި ބަލާލީމެވެ. އަހަރެންގެ ހިތް ހުއްޓުނު ފަދައެވެ. ނޭވާލާން ދަތިވީ ފަދަ އާހެއް ކުއްލިއަކަށް އަނގައިން ނުކުތެވެ. ދެ ލޯ ބޮޑުކޮށްލައިގެން ބަލަން އިނދެވުނީ އަމިއްލަ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އޭރު ކުލާސް ރޫމަށް ވަދެގެން އައި ލެކްޗަރާގެ ނަޒަރު ދަރިވަރުންނަށް އަމާޒުކޮށްލިއެވެ. ހުރިހާ ދަރިވަރުންނަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. ގޮނޑިބަރި ތަކުގެ ކުރީން ހަތަރުވަނަ ބަރީގެ މެދެއްހާ ހިސާބުގައި އިން އަހަރެންނާ އެ ނަޒަރު ސީދާވެލިއެވެ.

(ނުނިމޭ)