ކްރިމިނަލް ކޯޓް

ގައްބަރޭގެ ޝަރީއަތް ސިއްރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މިއަދު ހެނދުނު 11:00 ގައި އޮތް ޝަރީއަތުގެ މަޖިލިސް ސިއްރުކުރީ ދިފާއީ ވަކީލުން އެދިގެންނެވެ.

ގައްބަރޭގެ އިތުރުން މި މައްސަލައިގައި ދައުވާކުރަނީ ތ. ކިނބިދޫ، ދީފުރަމްގެ، އަހުމަދު އަވްޝަމް އާއި މ. ތާޖް، މުލާއިމް މުހައްމަދުގެ މައްޗަށެވެ.

ދައުލަތުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ގައްބަރޭގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަނެއް ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ހަބީބީ ކެފޭ ތެރޭގައި އިންނަވަނިކޮށް މިއަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ.

މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ގައްބަރޭ ދެވަނަ ފަހަރަށް ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް ޒަރީރު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ގޮވާލައްވާފަ އެވެ.