ސްޓެލްކޯ

ފަލަސްތީނަށް އެހީވުމަށް ސްޓެލްކޯ އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށް ސްޓެލްކޯ އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯ އިން މިފައިސާ ހަދިޔާކޮށްފައިވަނީ އިންސާނީ އެހީ ދިނުމުގައި ބައިނައަލްގާވްމީ ފެންވަރުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާ -- އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" އަށެެވެ.

ސްޓެލްކޯގެ ބޯޑު ރޯމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އެހީ އައިއޭސީއާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ. އައިއޭސީގެ ފަރާތުން ޗެކާ ހަވާލުވީ އެ ޖަމާއަތުގެ ޗެއާމަން އަހްމަދު އިގްބާލް އެވެ.

އައިއޭސީގެ ފަންޑަށް އެހީވުމުގެ ގޮތުން ސްޓެލްކޯގެ މައި އޮފީހުގެ ލޮބީގައިވެސް ވަނީ ފަންޑު ފޮއްޓެއް ބަހައްޓާފަ އެވެ.

އައިއޭސީ އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ފަލަސްތީނަށް އެހީވުމަށް މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ ޓެލެތޯން މެދުވެރިކޮށްވެސް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ އެވެ.