އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ޣައްޒާގެ ހޮސްޕިޓަލަކަށް އައިއޭސީ އިން 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފި

ފަލަސްތީންގެ ޣައްޒާގެ ހޮސްޕިޓަލްތަކަށް ތެޔޮ ބޭނުންވެފައި ވަނިކޮށް ރާއްޖެއަށް ނިސްބަތްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އަލް އަޤްސާ މާޓިޔާސް ހޮސްޕިޓަލަށް 20،000 ލީޓަރުގެ ތެޔޮ ހަދިޔާކޮށްފި އެވެ.

އައިއޭސީ އިން ބުނީ މިއަދު ހަދިޔާކުރި ތެލަކީ ދިވެހި ރައްޔިތުންގެ ފަރާތުން ހަދިޔާކުރެވުނު ތެޔޮ ކަމަށެވެ.

އައިއޭސީ އިން ބުނީ ހަދިޔާކުރެވުނު ތެލަކީ އެ ޖަމިއްޔާގެ ގްރައުންޑް ޓީމުގެ ބުރަ މަސައްކަތުން ޣައްޒާގެ ތެރެއިން ގަނެގެން ރައްކާތެރިކަމާއެކު ހޮސްޕިޓަލަށް ފޯރުކޮށްދެޗުނު ތެޔޮ ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރިކަން ކިތަންމެ ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓައި ނުލާ ކުރިއަށް ގެންދާނެ ކަމަށްވެސް އައިއޭސީ އިން ވަނީ ބުނެފަ އެވެ.

ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން އައިއޭސީގެ ބައެއް ވެހިކަލްތަކާއި ފާމަސީތައްވެސް ޣައްޒާގެ ތެރޭގައި ހުރެ އެވެ.