އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)

އައިއޭސީ އިން ޣައްޒާގެ ރައްޔިތުންނަށް އަނެއްކާވެސް ފައިސާ ބަހައިފި

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީގެ ގޮތުގައި ރާއްޖޭގެ ޖަމިއްޔާ -- އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން އެއްލައްކަ އެމެރިކާ ޑޮލަރު އަނެއްކާވެސް ބަހައިފި އެވެ.

އައިއޭސީ އިން ބުނީ އެހީގެ ފައިސާ ދިނީ 200 އާއިލާ އަކަށް 500 ޑޮލަރުގެ މަގުން ކަމަށެވެ.

އަގްސާ ހޮސްޕިޓަލްގައި ތިބި 700 ކުއްޖަކަށް ޒިޔާރަތްކޮށް އެ ކުދިންނަށް ކުޅޭ ސާމާނުވެސް އައިއޭސީ އިން ވަނީ ބަހާފަ އެވެ.

އައިއޭސީ އިން ބުނީ ފައިސާ ބަހާފައި މިވަނީ ދޭރް ބަލަހްގެ ހިސާބުގައި ޣައްޒާގެ ރައްޔިތުގެ ފިހާރަތަކާއި ބައެއް މާރުކޭޓުތައްވެސް ހުރުމާއިއެކު، މިފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފައި އެ ރައްޔިތުންނަށް ކޮންމެވެސް ލުޔެއް ލިބިގެން ދާނެ ކަމަށް ބަލައިގެން ކަމަށެވެ.

ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ 200 އާއިލާއަކަށް ޖުމްލަ އެއްލައްކަ ޑޮލަރު މިދިޔަ މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައިވެސް އައިއޭސީ އިން ބަހާފައިވެ އެވެ.

އިޒްރޭލާއި ފަލަސްތީންގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށްދާ ހަމަލާތައް މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފެށުނު ފަހުން ފަލަސްތީންގެ 10،000 އަށް ވުރެ ގިނަ މީހަކު ޝަހީދުކޮށްލާފައިވެ އެވެ.