އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)

އައިއޭސީގެ އެހީގެ ފަންޑަށް 24 މިލިއަން ރުފިޔާ

ފަލަސްތީނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ރާއްޖޭގައި ހުޅުވާފައިވާ ފަންޑަށް އިއްޔެގެ ނިޔަލަށް 24 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ 23،987،108 ރުފިޔާ އާއި 13،023 ޑޮލަރެވެ.

އައިއޭސީ އިން ކުރިއަށް ގެންދާ އެހީ ޕްރޮގްރާމުތަކުގެ ތެރެއިން ކޮންމެ ޕްރޮގްރާމަކަށް ލިބޭ ފައިސާގެ ތެރެއިން 12.5 ޕަސަންޓް އެޖަމިއްޔާ އިން ބޭނުންކުރާނެ އެވެ. އެއީ ލޮޖިސްޓިކް މަސައްކަތްތަކާއި އިދާރީ ކަންކަމަށް ހިނގާ ހަރަދަށް ނަގާ ފައިސާ ކަމަށް އައިއޭސީ އިން ބުނެ އެވެ.

ފަލަސްތީނަށް އެހީވުމަށް އައިއޭސީ އިން ހުޅުވާފައިވާ ފަންޑަށް ލިބުނު ފައިސާގެ ޖުމްލަ އަދަދު ހާމަކޮށްފައި މިވަނީ އެ ޖަމިއްޔާގެ އޮޑިޓް ރިޕޯޓްތައް އާންމު ނުކުރާތީ ސޯޝަލްމީޑިއާގައި ބައެއް މީހުންގެ ފާޑުކިޔުން އެ ޖަމިއްޔާއަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

އައިއޭސީ އިން ވަނީ އެ ޖަމިއްޔާގެ އޮޑިޓް ރިޕޯޓްތައް އާންމުކުރަންޖެހޭ ވަގުތުގައި އެކަން ކުރާނެ ކަމަށް ބުނެފަ އެވެ.

އައިއޭސީ އިން ވަނީ އެ ޖަމިއްޔާ ކުރިއަށް ގެންދާ އެހީގެ މަސައްކަތްތަކުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ފަލަސްތީނަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓުން ވެސް ވަނީ ފަންޑެއް ހުޅުވާފަ އެވެ.