ކުޅިވަރު

އެޓޯލްސް އެފްސީއަށް ބްރެޒިލްގެ ފޯވާޑެއް ސޮއިކޮށްފި

ދިވެހި ފުޓުބޯޅައަށް މުޅިން އަލަށް ނިކުންނަން މަސައްކަތް ކުރަމުންދާ އެޓޯލްސް ފުޓުބޯޅަ ކުލަބް (އެޓޯލްސް އެފްސީ)އަށް ސޮއިކުރި ބިދޭސީ ފުރަތަމަ ކުޅުންތެރިޔަކަށް ބްރެޒިލްގެ ކުޅުންތެރިޔަކު ސޮއިކޮށްފި އެވެ.

އެޓޯލްސް އެފްސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ބުނާ ގޮތުގައި އެ ޓީމަށް ސޮއިކޮށްފައިވާ ކުޅުންތެރިޔަކީ ބްރެޒިލްގެ ޓީމެއް ކަމަށްވާ ކޮރިންތިއަންސަށް ކުޅެފައިވާ ފޯވާޑެކެވެ.

އުމުރުން 34 އަހަރުގެ ޓިޓޯ އަކީ ބްރެޒިލްގެ ބައެއް އެހެން ޓީމުތަކަށްވެސް ފޯވާޑަކަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

އެޓޯލްސް އެފްސީ އިން ބުނީ އެ ޓީމަށް ބިދޭސީ އިތުރު ކުޅުންތެރިންނާއި ދިވެހި އިތުރު ކުޅުންތެރިން ވެސް ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްވެ ހުންނަވައިގެން އެޓޯލްސް އެފްސީ އުފައްދައި ރަސްމީކޮށް ލޯންޗުކޮށްފައިވަނީ މިއަހަރުގެ ޖުލައި 20 ވަނަ ދުވަހު އެވެ.

އިނގިރޭސިވިލާތުގެ ސްޕޯޓިން ލަންޑަނަށް ކޯޗު ކޮށްދީފައިވާ އަލީ ވަހީދު، އެޓޯލްސް އެފްސީގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވާއިރު އޭނާގެ އެސިސްޓެންޓަކަށް ހަމަޖައްސާފައިވަނީ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެފައިވާ އަހްމަދު ނިޔާޒް (ނިޔައްޓޭ) އެވެ.