( 23 އޮކްޓޯބަރ 2023 އާ ގުޅޭ )
ޖޭމީގެ ބަސްތައް އިޝާރާތްކުރީ ކޮންކަމަކަށްކަން އަހަރެންނަށް އެނގުނެވެ. އެހެންވެ ފޯނުން ނަޒަރު ވަކިކޮށްލައި އިސްއުފުލައި ބަލާލީމެވެ. އަހަރެންގެ ހިތް ހުއްޓުނު ފަދައެވެ. ނޭވާލާން ދަތިވީ ފަދަ އާހެއް ކުއްލިއަކަށް އަނގައިން ނުކުތެވެ. ދެ ލޯ ބޮޑުކޮށްލައިގެން ބަލަން އިނދެވުނީ އަމިއްލަ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އޭރު ކުލާސް ރޫމަށް ވަދެގެން އައި ލެކްޗަރާގެ ނަޒަރު ދަރިވަރުންނަށް އަމާޒުކޮށްލިއެވެ. ހުރިހާ ދަރިވަރުންނަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. ގޮނޑިބަރި ތަކުގެ ކުރީން ހަތަރުވަނަ ބަރީގެ މެދެއްހާ ހިސާބުގައި އިން އަހަރެންނާ އެ ނަޒަރު ސީދާވެލިއެވެ.
އޭނާ އާ އަހަރެންގެ ނަޒަރު ސީދާ ވުމާއިއެކު އޭނާގެ އަތުގައި އޮތް ބޯފޮތް ކުއްލިއަކަށް ވެއްޓުނެވެ. އެއަޑާއިއެކު މުޅި ކުލާހުގެ ސަމާލުކަން އޭނާ ހޯދިއެވެ. އޭގެ އިތުރުން އޭނާގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ބިރެއްފެނިގެން ތެޅިގަތް ހެންނެވެ. އޭނާގެ މޫނުމަތިން ދުވަސްވެފައި ހުރި ވައްތަރު ޖެހުމާއިއެކު ހަށިގަނޑަށް ބަދަލުތަކެއް އައިސްފައި ހުއްޓެވެ. މޫނުމަތީގައި އެއްވެސް ރޫހެއް ނެތެވެ. ލެކްޗަރާއަށް ޚާއްޞަ ކުރެވިފައި ހުރި މޭޒުގެ ދޮށުގައި އޭނާ އައިސް މަޑުކޮށްލިއެވެ. އަތުގައި އޮތް ދަބަހާއި ފޮތް މޭޒުމަތީ ބެހެއްޓިއެވެ. ބަލިގޮތަކަށް ކެއްސައިގަތުމާއިއެކު މޭޒުމަތީ އޭނާ ބެހެއްޓި ކުޑަފެންފުޅިން ކަރުތެރެ ތެންމާލިއެވެ. އޭރުވެސް އެސްފިޔަ ޖަހާލުމެއްނެތި އަހަންނަށް ބެލެނީ އޭނާއަށެވެ. އެއީ ދެވަނަ ފަރާތެއްނޫނެވެ. އެއީ އަހަރެންގެ އަރަޝް އެވެ. އެކަމަކު ހާދަ ބަދަލުވެއްޖެއެވެ. އަރަޝް ގޮނޑީގައި ހަމަޖެހިލުމާއިއެކު ދަރިވަރުންނާއި ކުރިމަތިލިއެވެ. ކުލާހާ ވާހަކަދައްކަމުން ދިޔައިރު އޭނާ އަހަރެންނަށް ނުބަލަން މަސައްކަތް ކުރާކަން ދެނަހުރީމެވެ. ދަރިވަރުންނާ ގުޅުން ބަދަހި ކުރުމުގައި ދިހަވަރަކަށް މިނެޓު ހޭދަކުރުމަށްފަހު ގުރޫޕުތަކަކަށް އަހަރެމެން ބަހާލިއެވެ. އަދި ފުރަތަމަ ދުވަހަށް ވާތީ އަހަރެމެންގެ ޝައުގުވެރިކަން އަތުލެވެނޭ ފަދަ މަސައްކަތެއް ހަވާލު ކުރިއެވެ. އޭނާގެ ދަބަހުން ނެގި ކަރުދާސްތަކާއި މާކަރުތައް ގުރޫޕުތަކަށް ބަހާލުމަށްފަހު ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.
ކުލާހަށް ވަން ލެކްޗަރާއަކީ އަރަޝްކަން އެނގުނު ހިސާބުން އަހަރެންގެ ހުރިހާ ސަމާލުކަމެއް އޭނާ އަތުލައިފިއެވެ. ގުރޫޕު މަސައްކަތް ކުރިޔަށް ދަނީ ކިހިނެއްކަމެއް ނުދެނަ ހުރީމެވެ. ކުރެވެމުންދިޔަ މަޝްވަރާތަކުގައި ބައިވެރިވުމުގެ ބަދަލުގައި އަހަރެންގެ ނަޒަރު އަމާޒުވެފައިވީ މޭޒު ދޮށުގައި އިން އަރަޝްއަށެވެ. އެކަކުއަނެކަކަށް ނުވެސް އެނގި ތިއްބާ ތަޤްދީރު މިވަނީ އަހަރެމެން އެކަކުއަނެކަކުގެ ކުރިމައްޗަށް ޚާޟިރު ކުރުވާފައެވެ. ހަޤީޤަތުގައި އަހަރެން ވަނީ އަރަޝް ދުށުމަށް ނުހަނު ބޭނުންވެފައެވެ. އޭނާދެކެ އިންތިހާއަށް ލޯބިވާއިރު އަހަރެން އަރަޝްއާ ދުރަށްދާން މަސައްކަތްކޮށްފައެއް ނުވާނެއެވެ. އަހަރެންނާ ވަކިވީ އަރަޝްއެވެ.
ގަޑި ނިމުމުން ކުލާހުން އަރަޝް ނުކުތީ ނިކަން ހަލުވި ފިޔަވަޅުތަކެއްގައެވެ. އަހަރެންގެ ކުރިމަތިން ފިލަން ދުވާ ފަދައެވެ. އެތެރެއަށް ހިންދަމުންދިޔަ ހިތްދަތިކަމުގެ އަސަރުގައި އަހަރެންނަށް ކެތްކޮށްލެވުނީ މެންދުރުވަންދެނެވެ. އޭގެ ފަހުގެ ކުލާސްތަކަށް އަހަރެން ނުދަމެވެ. ކެމްޕަސް ތެރޭގައި އަހަރެން އެނބުރެމުންދިޔައީ އެއްވެސް މަންޒިލެއްނެތް ފަދައިންނެވެ. ދެ ލޮލަށް ކަރުނަ ޖަމާވަނީއެވެ. ފޮހެލާއިރަށް ފެންކަޅިވެއެވެ. މަޑުމަޑުން މޭގައި އުފެދެންފެށި ރިހުން ގަދަވާންފެށިއެވެ. އެހެންވެ ދީނާއަށް މެސެޖު ކުރުމަށްފަހު އަހަރެން އައީ ގެއަށެވެ.
ކޮޓަރިއަށް ވަދެވުމާއެކު އަހަރެންގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އަޑުންއަޑުނަގާ އަހަރެންނަށް ރޮވެންފެށުނެވެ. އަރަޝް އަހަރެންނަށް ބަލާލަން ވެސް ބޭނުންނުވެޔޭ ހިތަށް އެރިއެވެ. ކުލާހުގައި ހުރިއިރު އޭނާގެ ފުށުން ފާޅުވީ އެފަދަ އަސަރުތަކެކެވެ. މޭގައި އަތް އަޅައި އޮބައިގަނެގެން އަހަރެން އެނދުމައްޗަށް ވެއްޓުނީމެވެ. ދީނާ ގެއަށް އައިސް އަހަރެންނަށް ގޮވިއެވެ. އަހަރެންގެ ޚަބަރެއްނުވެގެން އޭނާ ކޮޓަރިއަށް ވަނެވެ. އެއްޗެއް ކައިފިންތޯ އޭނާ އެއްސެވެ. އެނދުގައި ރަޖާގެ ދަށުގައި ބޮނޑިވެލައިގެން އަހަރެން އޮތީއެވެ. މީހާ ހުމާ ފިހެނީކަން އެނގުނީ ދީނާ އައިސް އަހަރެންގެ ގައިގާ އަތްލާފައި އެހެން ބުނީމައެވެ. އޭނާ އަވަހަށް އަހަރެންނަށް ޕެރެސެޓަމޯލް ގުޅައަކާއި ފެންތަށްޓެއް ގެނެސްދިނެވެ.
ޔުނިވަރސިޓީއަށް އެންމެ ދުވަހެއް ވެސް އަހަރެން ނުގޮސް ނުހުންނަމެވެ. އެކަމަކު އަރަޝްއާ ފެނުމާއެކު އަހަރެންގެ ހިތާއި ސިކުނޑިއަށް ކުރި އަސަރުގައި ގަދަ ހުމެއްގައި ޖެހުނީތީ ހަފްތާއެއް ވަންދެން އަހަރެންނަށް ގޭގައި މަޑުކުރަން ޖެހުނެވެ. ހާލު ރަނގަޅުވެގެން އެނބުރި ޔުނިވަރސިޓީއަށް އައިސް ކިޔެވުމައިގެން ކުރިޔަށްދާން މަސައްކަތް ފެށީމެވެ. އަރަޝްގެ ކުލާސްތައް ވެސް ކުރިޔަށް ދެއެވެ. އޭނާ އަހަރެންނަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. އެކަމަކު މަސައްކަތްތައް ކުރިޔަށް ދިޔަ ދެ ދުވަހު އޭނާ އަހަރެންނަށް ބަލަން އިންދާ ފެނުނެވެ. އަހަރެން ބަލާލަންވާއިރަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލައެވެ.
ކުލާސްތަކުން އަބަދު އަރަޝް ފެންނަން ފެށުމުން އަހަރެންގެ ކެތްތެރިކަން ގެއްލެންފެށިއެވެ. އަރަޝްއާ ވާހަކަދައްކާލާ ހިތް ވާންފެށީއެވެ. ގައިބާރު ދެރަވެ މީހާ ދިގު މުއްދަތަކަށް ބަލިވެ އުޅުނު ވައްތަރު ޖަހާތީއާއެކީއެވެ. ގައިމު ވެސް އަރަޝްގެ އުމުރު އެހާ މައްޗަށް ނުދެއެވެ. އޭނާގެ ހަށިގަނޑުގެ ރީތިކަން އަހަރެން ދުށީމެވެ. ދުޅަހެޔޮ ޖޯރުހުރި ހަށިގަނޑެކެވެ. ކަސްރަތުކުރާކަން އެ ހަށިގަނޑުގެ މަސްތައް އެތުރިފައި ހުރި ގޮތުން އެނގޭހާވެއެވެ. އަހަރެންނަށް އަރަޝްގެ ލޯބިވެރިޔަކަށް ނުވެވޭނެބާއޭ ހިތަށް އަރައެވެ. އެ ސުވާލާއެކީ ހިތް ބުނަންފެށީ އެހެން ވާހަކައެކެވެ. އަރަޝްއާ މުޅީން ގުޅުން ކަނޑާލަން އަހަރެންގެ ހިތެއް އެއްބަހެއްނުވެއެވެ. ކޮންމެވެސް ސިފައެއްގައި ވިޔަސް އަރަޝްއާ ގާތްކަމެއް އޮވެއްޖެނަމަ އެވަރުން އަހަރެންނަށް ފުދޭނެއޭ ހީވާންފެށީއެވެ.
ފާއިތުވަމުންދިޔަ ދުވަސްތަކާއެކު އަހަރެންނަށް ޔަގީންވީ އަރަޝް އަހަރެންނާ ވާހަކަ ނުދައްކާނެކަމެވެ. އެހެންވެ އިސްނަގަން ނިންމީ އަހަރެންނެވެ. ކުރިޔާލާ ރާވައިގެން ދީނާ ކައިރީ އޭނާ ނިމުމުން ގެއަށްދާން ބުނެފައި އަހަރެން ކެމްޕަސްގައި މަޑުކުރީމެވެ. އެ ދުވަހު ޔުނިވަރސިޓީގެ ގަޑިތައް ނިންމާފައި ގެއަށްދާން އަރަޝް ނުކުތުމުން އޭނާގެ ފަސްފަހަތުން އަހަރެން ފާރަލަމުން އައީމެވެ. މަޑު ހިނގުމެއްގައި ކެމްޕަސްގެ ޕާކިން ސަރަޙައްދަށް އޭނާ އައެވެ. ކާރުތައް ޕާކުކޮށްފައި ހުރި ދިމާއަށް އޭނާ ހިނގަމުންދިޔައެވެ. ހިމޭންކަމާއި ފަޅުކަން ވެރިވެފައި އޮތް މާޙައުލަށް އަރަޝް ކާރުގެ ތަޅު ހުޅުވާލި އަޑުގެ އެލާމް ގުގުމާލިއެވެ. ކާރުގެ ކުރީ ދޮރުފަތް ހުޅުވާލަން އުޅެފައި އޭނާ ހުއްޓުނެވެ. ދެ ލޯ މަރާލާފައި ނިތްކުރީގައި ފިރުމާލުމާއެކު އޭނާ ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަހަރެންގެ ފަހަތުން ލިވީ އަންނަކަން އެނގޭ، ކީއްކުރަން ތިއަންނަނީ." މިހެން ބުނަމުން އަރަޝް އެނބުރިލިއެވެ. އެއާއިއެކު ކާރެއްގެ ނިވަލުގައި ފިލާ ހުރެފައި އަހަރެން ނުކުތީމެވެ. މަޑުމަޑުން އައިސް އަރަޝްގެ ކުރިމަތީ މަޑުކޮށްލީމެވެ. އަހަރެމެން ދެ މީހުންގެ ނަޒަރު ވަނީ އެކަކުއަނެކަކަށް އަމާޒުވެފައެވެ. ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް އަރަޝް ކަޅި ހިންގާލިއެވެ.
"ތި ރީތިކަން މިހާރު އަދި ވަކިން ރީތިވެއްޖެ" އިރުކޮޅަކު އަހަންނަށް ބަލަހައްޓައިގެން ހުރުމަށްފަހު ލުއިހިނިތުންވުމަކާއިއެކު އަރަޝް ތަޢުރީފުކޮށްލީ އިނގިރޭސި ބަހުންނެވެ. އެހިނދު އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ. އަރަޝްގެ ގައިގާ އަހަރެން އޮޅުލައިގަތީމެވެ. އޭނާގެ މަތިން އަހަރެން ހަނދާންކުރިވަރާއި އަހަރެންނާ ދުރަށްދިޔައީތީ އެކަމުގެ ޝަކުވާތައް ބަންޑުންކޮށްލީ އިނގިރޭސި ބަހުންނެވެ. ދެ ލޯ ފޫދެމުން އައި ކަރުނައިން އަރަޝްގެ މަޑު ނޫކުލައިގެ ގަމީހުގެ މޭމަތި ތެމެމުންދިޔައިރު އެކަމަށް އަހަރެންގެ ފަރުވާލެއްނެތެވެ. އަރަޝް އަހަރެން ދުރުކޮށްލަން އުޅުމުން ދެކޮޅު ހަދާލީ ދުރަށްދާން ބޭނުންނުވާތީއެވެ.
"އަހަރެންނާ ދުރަށް ނުގޮސްފާނަންތަ؟." ރޮމުންރޮމުން އަހަރެން ބުނެލީމެވެ.
"ލިވީ. މިތާކުނޫން... އަހަރެންނާއެކީ ކާރުގައި ހިނގާ." އަހަރެންގެ ބޮލުގައި ފިރުމާލައި އަރަޝް ވާހަކަދެއްކިއެވެ.
އަރަޝްއާ ދުރަށް ޖެހިލައި އޭނާގެ މޫނަށް އަހަރެން ބަލާލީމެވެ. އަހަރެންގެ ދެ ލޮލާއި ކޯތާފަތް ފުހެލަ ދެމުން އޭނާ ބޯޖަހާލައި އިޝާރާތްކުރީ ކާރަށް އެރުމަށެވެ. އަހަރެން އޭނާގެ ބަސް އެހީމެވެ. އަރަޝްގެ ކާރުގައި އަހަރުމެން ދިޔައީ އޭނާގެ ކޮންޑޯއަށެވެ.
"ތިއައީ ދޯ." ދޮރުން އަހަރެމެން ވަންތަނާ އިވިގެންދިޔައީ އަންހެންކުއްޖެއްގެ އަޑެވެ. އަހަރެންގެ ފިޔަވަޅު މަޑުޖެހުނެވެ. އެތެރެއިން ނުކުމެގެން އައި އަންހެންކުއްޖާ ވެސް އަހަރެން ފެނުމާއެކު ހުއްޓުން އެރިއެވެ.
"ކޮންކުއްޖެއް." އެ ސުވާލާއެކު އޭނާ ބަލާލީ އަރަޝްއަށެވެ.
"ފްރެންޑެއް." އަރަޝް ބުނެލިއެވެ.
މެދުމިނެއްގެ އިސްކޮޅެއް ލިބިފައިވާ އެ އަންހެންކުއްޖާ އަހަރެންނަށް ރަނގަޅަށް ބަލާލިއެވެ. ދެ މީހުންގެ ޖާގަ ހުރި ސޯފާއަށް އިޝާރާތްކޮށް އަހަރެން ކައިރީ އެތާ އިށީންނަން އަރަޝް ބުނެލިއެވެ. އަހަރެން އައިސް ސޯފާގައި އިށީންނަންވީއިރު އަރަޝްއަށް އެ އަންހެންކުއްޖާ ގޮވާލައިފިއެވެ. ކާއެއްޗެހި ތައްޔާރުކޮށްފައި ހުރިކަމާއި އެނދުގެ ތަންމަތި ބަދަލުކޮށް ދޮންނަން އެއްޗެހި މެޝިނަށް އަޅާފައި ހުރިކަން އެ އަންހެންކުއްޖާ ބުންޏެވެ. އަދި އަހަރެންނަށް ބަލާލުމަށްފަހު އެ އަންހެންކުއްޖާ އަރަޝް ކައިރީ އަންނަން ބުނެ އޭގެ ދެ މީހުން ގޮސް އެއްފަރާތުގައި ހުރި ކޮޓަރިއަކަށް ވަދެއްޖެއެވެ. މާޔޫސްކަން ހިތަށް ލިބިގެންދިޔައެވެ. އަހަރެން އަރަޝްއާއެކީ އައި އިރު އޭނާ ދިރިއުޅޭތަނުން އަންހެނަކާ ބައްދަލުވެދާނޭ ހިތަށް ވެސް ނާރައެވެ. އަނެއްކޮޅުން އަރަޝް އަހަރެމެން ދެ މީހުން އެކަކުއަނެކަކަށް އެނގޭނޭ ވަރަށް ތަޢާރަފެއް ވެސް ނުކޮށްދިނެވެ. އަހަރެންނަކީ ހަމައެކަނި ރައްޓެއްސެކޭ ބުނެލައިގެން ފުދެން އެބައޮތް ހެއްޔެވެ. އަހަރެންނާއި އަރަޝްއާ ދެމެދު އޮތީ ރައްޓެހިކަމުގެ ގުޅުމެއްނޫނެވެ. އަހަރެމެންނަކީ އެއް އިރެއްގައި ދެ ލޯބިވެރީންނެވެ. އަދި އެ ލޯބީގައި ދީވާނާވެ އަހަރެމެންގެ ދެމެދުގައިވީ ހުރިހާ ފަރުދާއެއް ވަނީ ނެގިފައެވެ. މިއިން އެއްވެސް ކަމެއް އެ އަންހެންކުއްޖާއަށް އެނގޭބާއެވެ. ޔަގީނުން ވެސް އޭނާއަށް އަހަރެން ފެނި ކާކުކަން ބުނާކަށް ނޭނގުނެވެ. އަހަރެންނަކީ އަރަޝް ފަޅާއަރާފާނޭ ކަމަށް ބިރުގަންނަ ބޮޑު ސިއްރުބާއެވެ. އެހެންވެއްޖެނަމަ އެކަކު ކައިރީ ވެސް އަހަރެމެންގެ ވާހަކަ އަރަޝް އޮންނާނީ ނުބުނެކަން ޔަގީނެވެ.
ޚިޔާލުތަކުގައި އަހަރެން ބަނދެވިފައި ވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަހަރެންގެ ނަޒަރު ވަގުތުން އެ ދިމާއަށް ދަތުރުކޮށްލިއެވެ. އަންހެންކުއްޖާގެ ފަހަތުން އަރަޝް ނުކުތެވެ.
"ދަނީ... މިހާރު ވެސް ލަސްވެއްޖެ." އެ އަންހެންކުއްޖާ އަރަޝްއާ ވާހަކަދެއްކިއެވެ. ދެން ފެނުނީ ނުކުމެގެން ދިޔަތަނެވެ. ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި އަރަޝް އަހަރެންނަށް ބަލާލިއެވެ. ނުކުމެގެން ދިޔަ އަންހެންކުއްޖާގެ ސަބަބުން އަހަރެންގެ ޚިޔާލުތައް އައީ ކިލަނބުވަމުންނެވެ. އަރަޝް އަހަރެން ގެނައި އެ މަންޒަރު ދައްކަންބާއެވެ. އިތުރަށް އަހަރެން ދެރަކޮށް ހިތުގައި ޖައްސަންބާއެވެ. އަހަރެމެން ދެ މީހުން އެކަކުއަނެކަކަށް ބަލަހައްޓައިގެން ތިބީމެވެ. އަރަޝްގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު ހިމޭންކަން ތަރުޖަމާކުރާކަށް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންގެ ކައިރިޔަށް އޭނާ ނައިސް ދުރުގައި ބަލަން އެ ހުންނަނީ ކީއްވެބާއޭ ހިތަށް އަރަމުންދިޔައެވެ. އަހަރެން ސޯފާއިން ތެދުވީމެވެ. އަހަރެންނާއި އަރަޝްއާ ދެމެދަށް ވަންނާނޭ އިތުރު މީހަކު އެވަގުތުނެތްކަން ޔަގީންވާތީއެވެ. އަރަޝް އިސްޖަހާލުމާއެކު ބޯހޫރާލިއެވެ. އޭނާގެ ހިތާއި ސިކުނޑީގައި އެނބުރެމުންދަނީ ކޮންކަހަލަ ޝޫޢުރެއްކަމެއް ހަމައެއްގޮތަކަށް ވެސް ނޭނގެއެވެ. އަހަރެން އައިސް އަރަޝްގެ ކުރިމަތީ މަޑުކޮށްލީމެވެ. އޭނާގެ އިސްޖެހިފައިވާ މޫނަށް ބަލަން ހުރުމަށްފަހު ދެމެދުގައިވި ދުރުމިން ނައްތާލީމެވެ. އަރަޝްގެ އުނަގަނޑުގައި ދެ އަތް ވަށާލުމާއެކު އޭނާގެ ގައިގާ ބާރަށް ބައްދާލީމެވެ. ހަރަކާތެއް ނުކޮށް އަރަޝް އެ ހުރި ގޮތަށް ހުރީއެވެ. އެހެންވެ އަހަރެން އޭނާގެ އަތުގައި ހިފާލުމާއެކު އުފުލާލައި އަހަރެންގެ ގައިގާ ބައްދާލުމަށް އިޝާރާތްކުރީމެވެ. ނަމަވެސް އަރަޝް މަޑުމަޑުން އަހަރެންގެ އަތާއި އޭނާގެ އަތް ވަކިކޮށްލިއެވެ. އެނބުރިލަން އުޅުމުން އަހަރެން އެ ފުރުޞަތަށް ހުރަސް އެޅީމެވެ. އަރަޝްއަށް ގޮވާލަމުން އޭނާގެ މޫނުގައި ދެ އަތުން ހިފަހައްޓާލީމެވެ. އިނގިލިތަކުގެ ކޮޅަށް ހަށިގަނޑު ދެމިލުމާއެކު އަހަރެން އަރަޝްގެ މޫނާ ގާތްވެލީމެވެ. އަހަރެންގެ ޢަމަލުތައް އަރަޝް ދެނެގަތެވެ. އެ ތުންފަތުގައި ބީހިލުމަށް އަހަރެން ގަސްދުކުރި ނަމަވެސް ކުއްލިއަކަށް އަރަޝް އަހަރެން ދުރަށް ޖައްސާލީ ބާރުލާފައެވެ.
"ސްޓޮޕް އިޓް ލިވީ... ޕްލީޒް." އަރަޝްގެ އަޑުގައި އާދޭސްވިއެވެ. ހައިރާންކަމުގައި ދެ ލޯ ބޮޑުކޮށްގެން އަހަރެން ބަލަން ހުރީމެވެ.
"ކީއްވެ އަހަރެން ދުރަށްލީ. ކިތައް އަހަރު ފަހުން މި ދިމާވީ. މިވަގުތު މިތާ އިތުރު މީހަކު ވެސް ހުރީކީ ނޫނެއްނު. މިގޮތަށް އަހަރެން ގޮވައިގެން އައީ އަހަރެންނާއެކީ އެކަނިވާން އަރަޝް ބޭނުންވެގެން ނޫންތަ؟... އަހަރެންނަށް އޮޅުނީތަ؟. އަރަޝް ފެނުނީމަ ކެތްކުރަން ދަތިވީ އަހަރެންނަށް. ގާތްކަމަށް ބޭނުންވީ ވެސް އަހަރެން... އިންތިހާއަށް ލޯބިވެވުނީ ވެސް އަހަރެންނަށް." އަހަރެންނަށް ވާހަކަދައްކަން އުނދަގޫވެ އަޑު ބެދެންފެށިއެވެ. އޭރު ދެ ލޮލުން ކަރުނަ އޮހެރެން ފަށައިފިއެވެ. އަރަޝް އަހަރެންގެ ނަމުން ގޮވާލީ ނިކަން މަޑުންނެވެ.
"އަހަރެންގެ މީހަކަށް ނުވެވޭނެތަ؟." ރޮމުންރޮމުން އަހަރެން އަހާލީމެވެ. އަހަރެންނާ އަމާޒުކޮށްލެވިފައިވީ އަރަޝްގެ ދެ ލޯ ކަރުނުން ބަރާވެފައިވާތީ ފެނުނެވެ. އަހަރެންގެ ހިތުގައި އަޅާ ރިހުން އޭނާގެ ދެ ލޮލުން ފާޅުވާ ހުރީތީ އަހަރެން އަޖައިބުވިއެވެ.
"ތީ އެހެން މީހެއްގެ ހައްޤެއްތަ؟... އަހަރެންނަށް ވަދެވިފައި މިހުރީ އެހެން މީހެއްގެ ދިރިއުޅުމުގެ ތެރެއަށްތަ؟. އަރަޝް. ބުނެބަލަ... ޕްލީޒް... އަހަރެންނަށް ސާފުކޮށް ކިޔާދީބަލަ. އަހަރެން އަރަޝްގެ ލޯބީގައި މޮޔަވެ ހަނާވަނީ. ހިތް ހުއްޓިގެން މަރުވާނަމަ. ދިރިހުންނާކަށް ބޭނުމެއްނޫން... އަހަރެންނަށް ދެން ކެތެއްނުވާނެ." ރޮމުން އާދޭސްކުރަމުން އަރަޝްގެ މޭގައި ޖެހުނެވެ. ކުއްލިއަކަށް އޭނާ އަހަރެންގެ އަނގަމަތީ އަތް އެޅިއެވެ.
"މަރުވާން ނޭދޭ ލިވީ." އަހަރެންގެ ނިތްކުރީގައި އަރަޝްގެ ނިތްކުރި ގެނެސް ޖައްސާލުމާއެކު ބުންޏެވެ. އެހިނދު އެ ދެ ލޮލުން ވެއްޓުނު ކަރުނަތިކި އަހަރެންގެ ދެ ކޯތާފަތަށް އިޙްސާސް ވެގެން ދިޔައެވެ.
(ނުނިމޭ)