ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްފޯކްގެ މިންގަނޑަށް ބަދަލު ގެނެސްފި އެވެ.
މީގެ ކުރިން އޮންނަ ގޮތުން ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަހަށެވެ.
ނަމަވެސް ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު ހާޒިރީ އިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ދޭ އިނާޔަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
މީގެ އިތުރުން މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުސޫލުން "ސައިން-އިން" ވެގެން ހާޒިރުވުމާއި ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކުގައިވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކްގައިވާ ގޮތުން ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ތެރެއިން އިދާރާއިން އާންމުކޮށް މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ދުވަސްތަކާއި ކަނޑައަޅާފައިނުވާ ދުވަސްދުވަހު މުވައްޒަފު ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައި މަގާމަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދޭންޖެހޭނެ އެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން އިނާޔަތް ނުލިބޭނެ ފަރާތްތައް މި ޕޭ ފްރޭމްވޯކްގައި ވަނީ ހިމަނާފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ޕޭ ފްރޭމްވޯކްގައި ހިމެނޭ ޖޮބް މެޓްރިކްސްތަކުގައި ނުވަތަ "ދަ މޯލްޑިވްސް ޕަބްލިކް ސާވިސް ސްޓޭންޑަޑް ކްލެސިފިކޭޝަން އޮފް އޮކިއުޕޭޝަންސް" ގެ މޭޖާ ގްރޫޕްތަކުގެ ތެރެއިން "މެނޭޖާސް" ގެ ގިންތީގެ މަގާމުތަކާއި ހަފުތާއަކު ހަތް ދުވަހު މަސައްކަތް ކުރަންނުޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މަގާމުތަކުގެ އިތުރުން ވަޒިފާއާ ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އިސްތިސްނާވާ މުވައްޒަފުން ހިމެނެ އެވެ.
އިސްތިސްނާވާ މުވައްޒަފުން
- ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ މީހުން
- ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާބޯޓުގައި މަސައްކަތްކުރާ މީހުން
- މިސްކިތުގެ މުދިމުންނާއި މިސްކިތު މަސައްކަތުމީހުން
- އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި، އޮންކޯލް ޑިއުޓީގައި ތިބޭ މީހުން
- މީހުން ދިރިނޫޅޭ ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި މަސައްކަތްކުރާ މީހުން
- ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން
މި ޕޭ ފްރޭމްވޯކްގައި ވަނީ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑުތައްވެސް ހިމަނާފަ އެވެ.