ފިނިޕޭޖް

"ބްލިންކް 182"ގެ އާ ޓުއާ އިއުލާންކޮށްފި

ޕޮޕް ޕަންކް ރޮކް ގްރޫޕް "ބްލިންކް 182"ގެ އާ ޓުއާ އިއުލާންކޮށްފި އެވެ.

އަންނަ އަހަރު ކުރިއަށްގެންދާ މި ޓުއާ އަކީ އެ ބޭންޑްގެ އާ އަލްބަމް - "ވަން މޯ ޓައިމް" ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ޓުއާ އެކެވެ.

މި އަލްބަމަކީ 2011 ވަނަ އަހަރުގެ ފަހުން އެ ބޭންޑުން ރިލީޒްކުރި ފުރަތަމަ އަލްބަމެވެ.

ޓުއާ ކުރިއަށް ދާނީ ނިއުޒީލެންޑް، އޮސްޓްރޭލިއާ، ކެނަޑާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގެ އިތުރުން އެމެރިކާގެ ބައެއް ސިޓީތަކުގައެވެ.

ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ އޯލޭންޑޯ އިންނެވެ. ޓުއާ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު ކެނަޑާގެ ޓޮރޮންޓޯ އިންނެވެ.

މި ޓުއާގައި "ޕިއާސް ދަ ބޭލް" ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވާއިރު ބައެއް ސިޓީތަކުގައި "އެލެކްސިސް އޮން ފަޔާ" ވެސް ލަވަ ކިޔާނެ އެވެ.

"ބްލިންކް 182" އަކީ އޮގަސްޓް 1992 ގައި އުފެދުނު ބޭންޑެކެވެ. މި ބޭންޑްގެ ބައެއް މެންބަރުން ބަދަލުވި ނަމަވެސް އެންމެ ގިނަ ދުވަހު އަދި ކާމިޔާބު ކަމާއެކު ކުރިއަށްދާ މެންބަރުންނަކީ މާކް ހޮޕަސް، ޓޮމް ޑިލޯން އަދި ޓްރޭވިސް ބާކާ އެވެ. ޓްރޭވިސް އަކީ ކޯޓްނީ ކާޑޭޝިއަންގެ ފިރިމީހާ އެވެ.