ފިނިޕޭޖް

ކޯކޯމެލަން ލޭން: އޯޑިއަންސާ ވަނީ ގުޅިފައި

ނެޓްފްލިކްސް އިން ދައްކާ ކުޑަކުދިންގެ ނާސަރީ ރައިމްސް / ލަވަ ގެނެސްދޭ ސީރީޒް "ކޯކޯމެލަން" އިން އާ ސީރީޒެއް ނެރެނީ އެވެ.

ޕްރީ-ސްކޫލް ކުދިންނަށް ހާއްސަ "ކޯކޯމެލަން ލޭން" އަކީ "ކޯކޯމެލަން"އާ ހިލާފަށް ހުސް ލަވަކިޔުމުގެ ބަދަލުގައި އޯޑިއަންސާ ސީދާ މުހާތަބްކޮށް ވާހަކަ ދައްކާ، އޯޑިއަންސާ ވަރަށް ބޮޑަށް ގުޅިގެން ކުރިއަށް ގެންދާނެ ސީރީޒް އެކެވެ. މިއީ "ކޯކޯމެލަން" ސީރީޒެއްގައި މިގޮތަށް މިކަން ކުރާ ފުރަތަމަ ފަހަރެވެ. މި ސީރީޒްގެ ޓްރޭލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

މި ސީރީޒްގައި އުޅޭ ކެރެކްޓާތަކަކީ ޖޭޖޭ އާއި އޭނާގެ ބެސްޓް ފްރެންޑުން ކަމުގައިވާ ކޯޑީ، ސީސީ، ނީނާ، ނީކޯ އަދި ބެއްލާ އެވެ.

ޓްރޭލާއިން ފެންނަނީ ހުރިހާ ކުދިން ސްކޫލް ބަހަށް އިންތިޒާރު ކުރާ ތަނެވެ. އެ ދުވަހަކީ ނީނާ ބަހުގައި ދަތުރުކުރާނެ ފުރަތަމަ ދުވަހެވެ.

ނީނާ ހުރީ ކެތްމަދުވެފަ އެވެ. އަދި ކުޑަކޮށް ހާސްވެފަ އެވެ. ޖޭޖޭ އާއި އެހެން ކުދިން ނީނާ އެ އާ ތަޖުރިބާ އަށް ތައްޔާރުކުރުމުގެ ގޮތުން، ޖޭޖޭގެ ޖާދުވީ ލޭޑީބަގް ބޭނުންކޮށްގެން އޭނާގެ ރައްޓެހިންނަށާއި އޯޑިއަންސަށް ބަހުގައި ކަންތައްތައް ވާނެ ގޮތް ހިޔާލުކޮށްފައި، ކުރަހާ އަދި ކުލަޖައްސާލަ އެވެ.

"ކޯކޯމެލަން ލޭން" ޑިޒައިންކޮށްފައިވަނީ ކުދިންނާއެކު މައިންބަފައިން / ކުދިން ބަލައި މީހަކު އެކުގައި ބަލައި، ސީރީޒްގައިވާ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކާ، އިޖުތިމާއީ އަދި ޖަޒްބާތީ ކަންކަން ދަސްކުރުމަށެވެ.

"ކޯކޯމެލަން ލޭން" ރިލީޒްކުރާނީ ކުރިއަށް އޮތް ނޮވެމްބަރު 17 ވަނަ ދުވަހު އެެވެ.