ފެނަކަ ކޯޕްރޭޝަން

އޭސީސީ އިން ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ ޔާމީން ސަރުކާރުގެ މައްސަލަތަކެއް: ފެނަކަ

ފެނަކަ ކޯޕަރޭޝަނަށް އަނބުރާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާ 20.5 މިލިއަން ރުފިޔާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކަކާ ގުޅިގެން ހޯދަން އަންގާފައިވާ ފައިސާ ތަކެއް ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ އިން މިހެން ބުނެފައި މިވަނީ ފެނަކަ ކޯޕަރޭޝަނާ ގުޅޭ 75 މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20.5 މިލިއަން ރުފިޔާ އަނބުރާ ކުންފުންޏަށް ހޯދުމަށް ފެނަކައަށް އަންގާފައިވާނެ ކަމަށް އިއްޔެ އޭސީސީ އިން ބުނުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

ފެނަކަ އިން ބުނީ އޭސީސީ އިން ބަލަމުންދާ އެ ކުންފުނީގެ މައްސަލަތަކުގެ އަދަދު ކަމަށް ބަޔާންކޮށްފައިވާ 75 މައްސަލަ އަކީ 2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށެވެ.

ޒިންމާވާންޖެހޭ ފަރާތްތަކުގެ އަތުން ފެނަކައަށް ހޯދުމަށް އޭސީސީ އިން އަންގަވާފައިވާ 20.5 މިލިއަން ރުފިޔާ އަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިން ހިންގާފައިވާ ޖުމްލަ ހަތަރު މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައި ވަނީ އެ ހަތަރު މައްސަލަ އާއި ގުޅޭ ތަފްސީލްތަކެއްވެސް ހާމަކޮށްފަ އެެވެ.

އެގޮތުން ފުރަތަމަ މައްސަލަ އަކީ ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ފެނަކައިގެ އެއިރުގެ މެނޭޖިން ޑިރެކްޓަރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000 ރުފިޔާގެ މައްސަލަ އެވެ.

ދެވަނަ މައްސަލަ އަކީ 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެން، ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނި ނުކޮށް އެފަރާތަށް ފައިސާ ދައްކާފައިވާތީ ފެނަކައަށް ލިބުނު ގެއްލުމަށްވާ 1.02 މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ އެވެ.

ތިންވަނަ މައްސަލަ އަކީ 2016 ވަނަ އަހަރު ފެނަކައަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރެވުނު މުޢާމަލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17.9 މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ އެވެ.

ހަތަރުވަނަ މައްސަލަ އަކީ 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިން ސޮފްޓްވެއާ ހޯދުމަށް އަމިއްލަ ކުންފުންޏަކާ އެކު ކޮށްފައިވާ މުއާމަލާތްތަކުގައި ފެނަކައަށް ގެއްލިފައިވާ 1.4 މިލިއަން ރުފިޔާގެ މައްސަލަ އެކވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގެ ހާލަތު އޮތީ ގޯސްކޮށެވެ. މީގެތެރެއިން ވެސް އެންމެ ބޮޑު ދަރަންޏެއް އޮތީ ފެނަކަ ކޯޕަރޭޝަން ގައެވެ.