ބޭރު ކުޅިވަރު

މެސީ ނުގެންދެވޭނެ. އެކަން ޖެހޭނީ ހަނދާން ނައްތާލަން: ބާސެލޯނާ

ބާސެލޯނާއިން ލަޔޮނަލް މެސީ އެހެން ކުލަބަކަށް ނުގެންދެވޭނެ ކަމަށާއި ޓީމުގެ އެހެން ކުޅުންތެރިއަކު ވެސް ބޭނުންވެގެން ކުލަބުން އުޅޭނަމަ އެކަމެއް ހަނދާން ނައްތާލުމަށް ބާސެލޯނާއިން ރައީސް އެދެފި އެވެ.

ބާސެލޯނާގެ 140000 މީހުންގެ ވޯޓާއެކު މިދިޔަ އަހަރު ރައީސް ކަމަށް ހޮވިވަޑައިގެންނެވި ބާޓޮމެއު ބުނީ ޔޫރަޕުގައި މެސީ ކުޅޭނެ ހަމައެކަނި ކުލަބަކީ ބާސެލޯނާ ކަމަށެވެ.

"މެސީ އެއޮތީ ވަރަށް ފަހުން ބުނެފަ ޔޫރަޕުގައި އޭނާ ކުޅޭނެ ހަމައެކަނި ކުލަބަކީ ބާސެލޯނާއޭ. މިއީ އަހަރެން ބުނާ ވާހަކައެއްނޫން. މިއީ މެސީ ބުނާ ވާހަކަ. އެހެންވީމާ އޭނާ ގެންދަން އުޅޭ ކުލަބަކުން ޖެހޭނީ އެކަން ހަނދާން ނައްތާލަން،" ބާޓޮމެއު ބުންޏެވެ.

އޭނާ އަދި ބުނީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއާ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ހަވާލުވުމުން އެ ޓީމަށް ބާސެލޯނާގެ ބައެއް ކުޅުންތެރިން ގެންދާ ވާހަކަ އަކީ ވެސް ހަގީގަތެއްނެތް ވާހަކަ އެއް ކަމަށެވެ.

"އަހަރުމެންގެ ކުޅުންތެރިން ތިބީ މި ކުލަބުގައި އުފަލުން. ނޭމާ އަކީ މޮޅު ކުޅުންތެރިއެއް. އޭނާ ހުރީ ކުލަބާމެދު ވަރަށް އުފަލުން. ސާޖިއޯ ބުސްކެޓްސް ކުލަބު ދެކެ ލޯބިވޭ. މި ކުލަބުން އެއްވެސް ކުޅުންތެރިއަކު ފައިސާ އަށް ކުލަބު ދޫކޮށްނުދާނެ. އެއީ މިކުލަބަށް އެކުޅުންތެރިން އައީ ވެސް ބާސެލޯނާއަށްވުރެ ރަނގަޅު އޮފާތައް ހުއްޓާ. ނޭމާ އައިއިރު ވެސް އެހެން ކުލަބުތަކުން މާބޮޑެތި އުފާތައް ހުށަހެޅި. ލުއިސް ސުއަރޭޒަށް ވެސް އަހަރުމެންނަށްވުރެ ބޮޑު ހުށަހެޅުންތައް ލިބުނު. އެކަމަކު އެމީހުން ބާސެލޯނާ އަށް އަންނަނީ މިއީ ކުލަބަކަށްވުރެ ބޮޑަށް އާއިލާއަކަށްވާތީވެ. އަހަރުމެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އަޅާލަން. އެފަދަ އިޖްތިމާއީ ޕްރޮގްރާމްތައް ވެސް ހިންގަން،" ބާޓޮމެއު ބުންޏެވެ.

އޭނާ އަދި ބުނީ ބާސެލޯނާ އަބަދު ކުޅެނީ އެއްގޮތަކަށްނޫން ކަމަށާއި ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް އެމީހެއްގެ ޕޮޒިޝަނުގައި މޮޅު ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް މިހާރު ލުއިސް ސުއަރޭޒަކީ ބާސެލޯނާއިން ދެކޭ ގޮތުގައި ދުނިޔޭގައި ހުރި އެންމެ މޮޅު ސެންޓަ ފޯވަޑް ކަމަށެވެ.

"އަހަރެން ހުރެފިން ވެންހާލް އާއި ރައިކާޑް އާއި ގާޑިއޯލާ އަދި ޓިޓޯ އާއި މާޓިނޯގެ ދުވަސްވަރު ވެސް ބޯޑު މެމްބަރެއްގެ ގޮތުގައި. އަހަރެންނަށް ފެންނަނީ ޗޭންޖިން ރޫމުގައި ވަރަށް އެކުވެރި ޓީމެއް. އެހެން ޓީމުތަކުގައި ޗޭންޖިން ރޫމުގައި އަބަދުވެސް ދޭއް ނުވަތަ ތިން ގްރޫޕް އޮވޭ. އެކަމަކު ބާސެލޯނާގައި ފެންނަނީ އެންމެ ގްރޫޕެއް. އެހާވެސް ކުޅުންތެރިން އެކުވެރި. އެމީހުން އެތިބީ ވަކިވަކި ކުޅުންތެރިންގެ ކާމިޔާބީ އާއި މުޅި ޓީމުގެ ކާމިޔާބީމެދު ވެސް ހިތްހަމަޖެހިގެން،" ބާޓޮމެއު ބުންޏެވެ.