އެމްޑީޕީ

ނަޝީދު ވަކިކުރަން އެމްޑީޕީން ތުރީލައިން ވިޕް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ތުރީލައިން ވިޕް ނެރެފި އެވެ.

ތުރީލައިން ވިޕް ނެރުމާ ގުޅިގެން ނަޝީދު މަގާމުން ވަކިކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަޖުބޫރުވާނެ އެވެ.

ނަޝީދު ވަކިކުރަން ތުރީލައިން ވިޕް ނެރުމަށް ފާސްވީ މިއަދު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ ނުވަވަނަ ދުވަހު އެެވެ. މިމައްސަލައިގެ ނޯޓިސް ނަޝީދާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާވެސް ކޮށްފަ އެވެ. އެކަމަކު އެމަނިކުފާނު މަގާމުން ވަކިކުރުމަށް ވޯޓަށް އަހާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ ޖަލްސާ ގައެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ނަޝީދަށް 30 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ވަނީ ނިންމާފަ އެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށެވެ. އަދި އެއީ ވަކި ފަރާތަކަށް ބުރަވުން ކަމަށް ސިފަކޮށް ބުނެފައިވަނީ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

މިގަރާރުގައި ވަނީ ނަޝީދުގެ މައްޗަށް ބައެއް ކަހަލަ ތުހުމަތުވެސް ކޮށްފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ގަވައިދާ އެއްގޮތަށް ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުންނަށް ނަޝީދު ހިތްވަރު ދެއްވާ ކަމަށް ބުނެފައިވެ އެވެ.

ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަ އޭރު އަނބުރާ ގެންގޮސްފަ އެވެ.