ފިނިޕޭޖް

ޖެނިފާ ލޮޕޭޒްގެ ބެލް އެއާގައި ހުރި ގެ ވިކިއްޖެ

ޖެނިފާ ލޮޕޭޒްގެ ގެއެއް ގާތްގަނޑަކަށް 34 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

ޖެނިފާ މި ގޭ ވިއްކަން ލިސްޓްކޮށްފައިވަނީ ބެން އެފްލެކްއާ ކައިވެނިކުރިތާ ހަވަރަކަށް މަސް ފަހުން 42.5 މިލިއަން ޑޮލަރަށެވެ.

މި ގެ ވިއްކަން ހަވާލުކުރި ފަރާތުން ޔޫޓިއުބްގައި އާންމުކުރި ވީޑިއޯއެއްގައިވާ ގޮތުން މި ގެއަކީ 12،000 އަކަ ފޫޓަށް ވުރެ ބޮޑު ގެއެކެވެ.

ކަންޓްރީ ސްޓައިލްގެ މި ގޭގައި ނުވަ ކޮޓަރި އާއި 13 ފާހާނާ ހުރެ އެވެ. އަދި ލައިބްރަރީ، ސިޓިން ރޫމް، ހޯމް ތިއޭޓާ، ޒަމާނީ ބަދިގެއެއް، ޖިމް، ސްޓޫޑިއޯއްވެސް ގޭގައި ހުރެ އެވެ. މީގެއިތުރުން ގޭގައި ވަކިން ބޭނުންކުރެވޭ ގޮތަށް ގެސްޓް ހައުސް، ޕަގޯޑާ، އިންފިނިޓީ ޕޫލް، ވަކި ބީޗަކާއި ލޭކެއް ފަދަ ތަންތަން ވެސް ހިމެނެ އެވެ. ބެލް އެއާގައި ހުންނަ މިގޭގައި ބެން އާއި ޖެނިފާގެ ފިލްމްތަކުގެ ޕޯސްޓަރުތައްވެސް ހަރުކޮށްފައި ހުއްޓެވެ.

ޖެނިފާ އާއި ބެން ކައިވެނިކުރުމަށްފަހު މިދިޔަ ޖޫން މަހު ވަނީ ބެވަލީ ހިލްސް އިން ބޮޑު ގެއެއް ގެނެފަ އެވެ. ބެން އާއި ޖޭ ލޯގެ އާ ގޭގައި 12 ކޮޓަރިއާއި 24 ފާހާނާ ހުރުމުގެ އިތުރުން ބޭރުގައި ވިނަ ހައްދާފައިވާ ގޯތިތެރޭގައި 155 ފޫޓުގެ އިންފިނިޓީ ޕޫލަކާއި 10 ކާރުގެ ގަރާޖެއް ހުރެ އެވެ. އަދި ބާސްކެޓްބޯޅަ އާއި އެހެނިހެން ކުޅިވަރު ކުޅެވޭނެ 5،000 އަކަ ފޫޓުގެ ވަކި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޖީމްއަކާ އެކު ހުރެ އެވެ.

މި ބޮޑު ގޭގައި ހާއްސަ ސެކިއުރިޓީ ނިޒާމެއް ހުރުމުގެ އިތުރުން ގޭޓަޑް ކޮމިއުނިޓީއެއްގައި މި ގެ ހުރުމުން ރައްކާތެރިކަން އިތުރުވެ އެވެ.

ބެން އާއި ޖޭ ލޯ އަކީ ކުރިންވެސް ލޯބީގެ ގޮތުން ގުޅި އެންގޭޖްވި ދެ ލޯބިވެރިންނެވެ. ނަމަވެސް އޭރު ކައިވެންޏާ ހިސާބަށް ނުދިޔަ އެވެ. އޭގެ ފަހުން ދެމީހުން ވަނީ އެހެން މީހުންނާ ކައިވެނިކޮށް ދަރިންވެސް ހޯދާފަ އެވެ. އެގޮތުން ޖޭ ލޯ ލެޓިން ލަވަކިޔުންތެރިޔާ މާކް އެންތަނީއާ ކައިވެނިކޮށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާއިރު، ބެން ކައިވެނި ކުރީ އެކްޓްރެސް ޖެނިފާ ގާނާއާ އެވެ. އަދި އެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ.