ނިއުރޭޑިއަންޓާ ތިން ވަނަ ފަހަރަށް ހަވާލުވެ އެ ޓީމު ބިނާކުރުމުގެ މަސައްކަތް އޭނާ ފަށަންޖެހުނީ ސުމަކުން ކަމަށް ބަލަގޭރިޔާގެ ކޯޗު ޔޮރްދާން ސްޓައިކޯފް އިވަނޯފް ބުނެފި އެވެ.
އޭނާ މިހެން ބުނީ މާދަމާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ސިންގަޕޯރުގެ ބެލަސްޓިއާއާ ވާދަކުރާ މެޗުގެ ކުރިން އިއްޔެ ހަވީރު ބޭއްވި ފަރިތަކުރުންތަކަށް ފަހު އެވެ.
"ހުރިހާ މޮޅު ކުޅުންތެރިން ޓީމު ދޫކޮށް ވަނީ އަހަރެން އައިއިރު ގޮސްފަ. އެހެންވީމާ ފަށަން ޖެހުނީ ސުމަކުން. އެއީ ތައްޔާރުވާން އެންމެ އުނދަގޫވި ކަންތައް. އަހަރެން އުއްމީދު ކުރަނީ މާދަމާ ރަނގަޅު ނަތީޖާއަކަށް،" 2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ނިއު ގެންގޮސްދިން ކޯޗު ބުންޏެވެ.
ދެ ފަހަރެއްގެ މަތީން ގައުމީ ކޯޗުކަން ވެސް ކުރި ސްޓޮއިކޯފް ބުނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅު ކަމަށާއި ތަޖުރިބާކާރު ކުޅުންތެރިންވެސް ޕްރެކްޓިހުގައި ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
"ބިދޭސީ ކުޅުންތެރިން ވެސް ރަނގަޅު. ޓީމުގެ ބަޖެޓަށް ފެތޭ ކުޅުންތެރިން އަހަރެން ގެނައީ. މި އަށްވުރެ މޮޅު ކުޅުންތެރިން ވެސް ގެނެވޭނެ. އެހެންވީމަ އުއްމީދު ކުރަނީ ރަނގަޅޫ ނަތީޖާއަކަށް. އެކަމަކު ސިންގަޕޫރު ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެން އެމީހުންގެ މެޗުތައް ބެލިން. ވަރަށް ޕްރޮފެޝަނަލް ޓީމެއް އެއީ. މޮޅު ކުޅުންތެރިން ވެސް އެބަތިބި،" ކޯޗު ބުންޏެވެ.
އޭއެފްސީ ކަޕުގެ ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ ސްޓޮއިކޯފް ދެކޭގޮތުގައި އެޑްވާންޓޭޖެކެވެ. އަދި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ނިއުގެ ސަޕޯޓަރުން މާދަމާ ދަނޑު ފުރާލާމުމަށް އޭނާ އެދެ އެވެ.
މުބާރާތުގައި ނިއު ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ ހޮންކޮންގެ ކިޗީ އާއި ފިލިޕީންސްގެ ކާޔާ އެފްސީ އެވެ.
މާދަމާގެ މެޗުގެ ޓިކެޓް ނިއުއިން ވަނީ ހޮނިހިރު ދުވަހު ވިއްކަން ފަށައިފަ އެވެ. ސިޑިބަރިން ޓިކެޓް ވިއްކަނީ 15ރ. އަށެވެ. ގޮނޑި ބަރިން 30ރ. އަށެވެ. މީގެ އިތުރުން ނިއުގެ ފޭސްބުކް ޕޭޖުގައިވާ ޓިކެޓްގެ ޕޯސްޓް ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ވީއައިޕީ ޓިކެޓް ދޭން ވެސް ވަނީ ނިންމައިފަ އެވެ.